ޓިއުނީޝިޔާ މުބާރާތުން ކަޓާ، ބެލްޖިއަމް ފެންވަރު ދައްކާލުމަށްފަހު ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ބެލްޖިއަމް ފެންވަރު ދަށްކާލީ 5-2 ން ޓިއުނީޝިޔާ ބަލިކޮށް، މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއްވެސް ތަނަވަސްކޮށްގެންނެވެ. ފުރަތަމަ ހާފްގައި ބެލްޖިއަމްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ލުކާކުއެވެ. މިލަނޑާއެކު ދެމެޗުން ލުކާކޫ ޖެހި ލަނޑުގެ އަދަދަކީ 4 އެވެ. ލަނޑު ލިސްޓްގެ ކުރީގައި މިވަގުތު ތިބީ ލުކާކޫއާއި ރޮނަލްޑޯއެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ހަޒާޑްއެވެ. ދެވަނަ ހާފްގައި ބެލްޖިއަމްގެ ހަތަރުވަނަ ލަނޑުވެސް ޖެހީ ހަޒާޑްއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ލުކާކުގެ އިތުރުން ހަޒާޑްވެސް ވަނީ ބަދަލުކޮށްފައެވެ. ބެލްޖިއަމްގެ ފަސް ވަނަ ލަނޑު ޖެހީ ހަޒާޑްގެ ބަދަލުގައި ކުޅެން ނިކުއިން ބަޓުޝުއާއީއެވެ. މެޗުގައި ދެ ހެޓްރިކް ހަދަން އޭނާއަށް ފުރުޞަތު ލިބުނެވެ. މުޅިން ހުހަށް ލިބުނު ފުރުޞަތުތައް ގޯލަކަށް ބަދަލުކުރުމުގައި އޭނާއަށް ނަސީބު އެހީއެއް ނުވިއެވެ. އެއް ބޯޅަ ޓިއުނީޝިޔާ ކުޅުންތެރިއަކު ދިފާއުކުރީ ގޯލް ރޮނގުމަތިންނެވެ. އަނެއް ބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފައެވެ. ނުރައްކާތެރި ދެބޯޅައެއް ޓިއުނީޝިޔާ ކީޕަރު ދިފާއުވެސް ކުރިއެވެ.
މެޗުގައި ޓިއުނީޝިޔާގެ ފުރަތަމަ ލަނޑު ޖެހީ ބްރޮންއެވެ. 18 ވަނަ މިނިޓްގައި އޭނާ ލަނޑުޖެހިއިރު ބެލްޖިއަމް ވަނީ ދެ ލަނޑު ޖަހާފައެވެ. ބެލްޖިއަމްއިން ފަސް ލަނޑު ޖެހި ފަހުން ޓިއުނީޝިޔާގެ ދެވަނަ ލަނޑު ޖެހީ ކަޒީރީއެވެ. ދެ މެޗުން 6 ޕޮއިންޓް ހޯދުމުގެ އިތުރުން ބެލްޖިއަމް އޮތީ ދެ މެޗުން 8 ގޯލް ޖަހާ އެންމެ ގިނަ ލަނޑު ޖެހި ޓީމްގެ ގޮތުގައެވެ.
ބެލްޖިއަމްއަށް ދެން އޮންނާނީ އިންގްލެންޑް މެޗެވެ. ޓިއުނީޝިއާއަށް އޮންނާނީ ޕެނަމާއާ ވާދަކުރާ މެޗެވެ. ޓިއުނީޝިޔާއަށް ދެން ކިރިޔާވެސް ފުރުޞަތެއް އޮތީ އިންގްލެންޑް ދެ މެޗުން ބަލިވެ، ޕެނަމާގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.