ޚަބަރު

މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި





 


ދިވެހިރާއްޖޭގެ ފަހްރުވެރި ސާޅީސް ނުވަ ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ރޭ ބާއްވައިފިއެވެ.


 
ރޭ ބާރަ ޖެހިއިރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ. މި ރަސްމިއްޔާތުގައިގައުމާ މުހާތަބް ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ގައުމަށް ހަމަޖެހުމާއި އަމާންކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އުދުވާނުގައި އޭރުގެ ސަރުކާރާއި ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.


 
ރައީސް ޔާމިން ވިދާޅުވީ ޤައުމެއްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެގައުމެއްގެ މިނިވަންކަންކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.


 
މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި 1948 އިން1965 އަހަރާއި ދެމެދުން ރާއްޖެ ދުށް ދުވަސްތަކަކީ ދިވެހިންނަށް ކުރިމަތިވި ދަތި ދުވަސްތަކެއް ކަމަށާއި، ގައުމީ ދިދަ މިއަދު ވެހުރެމުންދަނީ ކާބަފައިން ގައުމު މިނިވަންކަމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ގައުމުގެ އިސްތިގްލާލް ދަމަހައްޓައި މިނިވަން އަޑު ދުނިޔެއަށް އިއްވެމުމަށް ކުރައްވާ މަސައްކަތްތަކަށް ރައީސް ޔާމީނަށް ޝުކުރުއަދާ ކުރެއްވިއެވެ.


 
 


މިރަސްމިއްޔާތުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި، ޑރ މުހައްމަދު ވަހީދު ހަސަން މަނިކުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިންނާއި ސަރުކާރުގެ އިސް ބައެއް ވެރިންވެސް ބައިވެރިވެޑައިގެންނެވިއެވެ.