އައި ރަނާސްއިން އައްޑޫސިޓީގައި ސިލްސިލާކޮށް، ބާއްވާ އައްޑޫ މެރަތަންގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އައިރަނަރސްއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އަހުމަދު ޒަހީން ބުނީ ހުކުރު ދުވަހު އޮންނަ އައްޑޫ މެރަތަންގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޓުކުރުންވެސް ހިމެނިގެންދާނެކަމަށެވެ. އެގޮތުން އައްޑޫ މެރަތަންގެ ތެރެއިން އައްޑޫ ޑެސްޓިިނޭޝަންއެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށްޓަކައި ވަރަށް ބޮޑެތި ކަންތައްތަކެއް ކުރިއަށް ގެންދާނެކަމަށް އޭނާ ބުންޏެވެ. މި މެރަތަންގައި އައްޑޫގެ ޘަޤާފަތްވެސް ވަރަށް ބޮޑަށް ފެނިގެން ދާނެކަމަށް އައިރަނާރސްއިން ބުނެއެވެ. އެގޮތުތުން ފިޒީ ޑްރިންކު ގެ ބަދަލުގައި ބައިވެރިންނަށް ކުރުނބާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
"450 އެއް ހާ ދުވުންތެރިން ބައިވެރިވާނެ މި އިވެންޓުގައި. އަދި ރާއްޖެއިން ބޭރުގެ 20 ދުވުންތެރިން މި ދުވުމުގަ ބައިވެރިވާނެ.
100 އެއްހާ ދުވުންތެރިން ރާއްޖޭގެ އެކި ހިސާބުތަކުން އައްޑޫ އަށް އަންނާނެ. މެރަތަންގެ ރަން އެމްބެސެޑަރެއްގެ ގޮތުން މިފަހަރު ބައިވެރި ވާނީ އެމެރިކާގެ މަޝްހޫރު ދުވުންތެރިއެއް ކަމަށް ވާ މައިކަލް ވާޑިއަން. އޭނާ އަކީ މިހާތަނަށްވެސް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ މީހެއް. މިކަހަލަ ތަފާތު ހައި ޕްރޮފައިލް ދުވުންތެރިން އަޅުގަނޑުމެންނާއެކު ބައިވެރިވާނެ. ރާއްޖެއިންވެސް އަލްޓްރާ މެރަތަން އާތިފް، އޭގެ އިތުރަށްް އަޅުގަނޑުމެންގެ ނޭޝަނަލް ރިކޯރޑް ހޯލްޑަރ މަރިޔަމް އަބްދުލް ކަރީމް ބައިވެރި ވާނެ މި އިވެންޓުގަ." ޒަހީން ބުންޏެވެ.
މެރަތަންއަށް އައްޑުއަށް ދުވުންތެރިން އަނަން ފަށާނީ އަންނަ ހޯމަ ދުވަހުއެވެ. މެރަތަންގެ އެކްސްޕޯ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އީކުއޭޓަރ ވިލެޖްގައި ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އެހެން ދުވުންތަކާ ހިލާފަށް އައްޑޫ މެރަތަންގެ އެކްސްޕޯގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިނގާނެކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ޕްރޮމޯޓް ވެގެން ދާނެކަމަށްވެސް އައިރަނާރސްއިން މައުލޫމާތުދިނެވެ. ބައިވެރިންނަށް ޗެލެންޖްތަކާއި ކުރިމަތި ކުރުމާއި ވަގުތުން އިނާމް ލިބޭ ސްޓޯލް ތަކެއްވެސް އެތަނުގައި ހުންނާނެކަމަށް އައި ރަނާރސްއިން މައުލޫމާތުދެއެވެ.
"އެހެން މެރަތަން އާ އައްޑޫ މެރަން ވަރަށް ބޮޑަށް ތަފާތުވެގެން ދާނެ. ފުރަތަމަ ކަމަކީ މި މެރަތަން އަކީ ޑެސްޓިނޭޝަން ޕްރޮމޯޓް ކުރާ ހަމައެކަނި މެރަތަން، ޓާރގެޓަކީ ސައުތް އޭޝިއާގެ އެންމެ ބޮޑު ޑެސްޓިނޭޝަން މެރަތަން އެއްގޮތަށް މި މެރަތަން ހެދުން ކުރިއަށް އޮށް 10 އަހަރު ތެރޭގައި. އައްޑޫ މެރަތަން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އައިސް އައްޑޫވެސް ޕްރޮމޯޓްވެ ރާއްޖެވެސް ޕްރޮމޯޓް ވެގެންދާ ޓޫރިޒަމް ބޮޑު އިވެންޓަކަށް ވެގެންދާނެ. އެއީ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާ ދިމާލަކީ." ޒަހީން ބުންޏެވެ.
މިދިޔަ އަހަރުގެ ބައިވެރިންނަށް ބަލާއިރު ކުރީގެ މެރަންތަންގެ %100 އަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި، ތައްޔާރީތަކަށް ބަލާއިިރު އައްޑޫގަވެސް ބޭއްވޭ އެންމެ ބޮޑު އެއް މެރަތަން ކަމަށް ވެގެން ދާނޭކަމަށް އައްޑޫ މެރަތަންގެ މީޑިއާ އޮފިޝަލް ބުންޏެވެ.
އައްޑޫ މެރަތަން ބޭއްވުމުގެ މައިގަނޑު މަޤްޟަދަކީ އައްޑޫގެ ދުވާ މީހުންނާއި އަދި ޙާއްސަކޮށް ރާއްޖޭގައި ދުވާ ކޮމިއުނިޓީއަށް ދުވުމުގެ ފޯރިގަދަ އީދެއް ގެނެސްދިނުމާއި އަދި ޙާއްސަކޮށް ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިނުންކަން ޒާހީން ފާހަގަ ކުރިއެވެ. މެރަތަންގެ ކޮންމެ އިވެންޓެއްގެވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމް ދޭނެއެވެ. އައްޑޫ މެރަތަންގެ ރެޖިސްޓްރޭޝަން ފީގެ 10 ޕަސެންޓާއި، ސްޕެޝަލް ޗެރިޓީ ބިބް ވިއްކަައިގެން ލިބޭ ފައިދާ ޓައިނީ ހާރޓް އޮފް މޯލްޑިވްސްއަށް ޑޮނޭޓް ކުރުމަށްވެސް ވަނީ ނިންމާފައެވެ.