 
										
			
 
 
 
ގައުމު ހަމަޖެހުމުގެ ނޭވާލާ މިދަނޑުވަޅުގައި، ގައުމު ހަލަބޮލިކަމުގެ ތެރެއަށް ސޮއްސާލަން ސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
 
 
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ސާޅިސް ނުވަވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި،  ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
 
 
ރައީސް ޔާމީން ވިދާޅުވީ މިއަދު ގައުމުގައި މިވަނީ އަމަންއަމާންކަން ގާއިމްކުރެވިފައިވާކަމަށާއި  އުފާވެރި މާހުލެއްގައި ދިރިއުޅެމުންދާކަމުގެ އިހްސާސްތައް ކުރެވެމުންދާކަމަށެވެ. އަދި ގައުމު ހަލަބޮލި ދުވަސްތަކެއް ވޭތުކުރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއްލަމުންދާ މި ދަނޑިވަޅުގައި ސިޔާސީ ފަރާތްތަކުން ގަސްތުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
 
މިއަދު ގައުމަށް އަންނަ ހަމަލާތަކުގެ ބަޑި ބޭހަކީ އިގްތިސާދީ ގޮތުން ދަތިކުރުމާއި ރައްޔިތުން ފަގީރުކަމުގެ ތެރެއަށް އެއްލާލުންކަމަށްވެސް ރައީސް ޔަމީން ވިދާޅުވިއެވެ.
 
 
މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބްކުރައްވާ ރައިސް ޔާމިން ދެއްކެވި ވާހަކަފުޅުގައި އިޒްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފައިވެއެވެ. އަދި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން ގެންދާ އުދްވާންތައް ބާރުގަދަ ގައުމުތަކުން އިސްނަގައިގެން ހުއްޓުމަކަށް ގެނަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
 
 
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ މުހިއްމު ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.