ވިޔަފާރި

ރާއްޖޭގެ ބާޒާރުގައި ހުރި އިސްރާއީލުގެ އުފެއްދުންތައް ނަގަނީ





 


އިސްރާއީލްގެ  އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، މިހާރު ބާޒާރުގައި ހުރި އިސްރާއީލްގެ އުފެއްދުންތައް ނަގަން ނިންމައިފި ކަމަށް  ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.


 
އަޙްމަދު މުހައްމަދު ވިދާޅުވީ، މިކަމާ ގުޅިގެން ކަސްޓަމްސްއިން އަމަލުކުރާނެ ގޮތުގެ އުސޫލް ކަނޑައަޅައި، އަންނަ ހަފްތާތެރޭގައި އެ އުސޫލަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.


 
މި އުސޫލަށް އަމަލް ކުރަން ފެށުމާއެކު ވިޔަފާރިވެރިންނަށް ބާޒާރުގައި މިހާރު ހުރި އެއްޗެތި ނެގުމަށް މުހުލަތެއް ދެވޭނެ ކަމަށާއި، އެ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތުވެސް ވިޔަފާރިވެރިންނަށް ދޭނެ ކަމަށް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.


 
އަހްމަދު މުހައްމަދު ވިދާޅުވީ، ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލްގެ ދަށުން، އިސްރާއީލްގެ އުފެއްދުންތަކާއި، އިސްރާއީލްގެ ބަނދަރު މެދުވެރިކޮށް ރާއްޖެ އެތެރެކުރާ އުފެއްދުންތައް ރާއްޖެ އެތެރެ ކުރުން ހުއްޓާލާނެ ކަމަށެވެ.


 
އަހްމަދު މުހައްމަދު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ އިސްރާއީލްގެ އުފެއްދުންތަކުގެ ތެރޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ޒަރޫރީ ބާވަތްތައް  ނުހިމެނޭ ކަމަށެވެ.


 
އިސްރާއީލުން އެތެރެކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ރަލާއި، ކޮސްމެޓިކްސްގެ ބައެއް ބާވަތްތައް ކަމުން އާންމުންނަށް މިކަމުން މާބޮޑު ދަތިތަކެއް ކުރިމަތިވެގެން ނުދާނެ ކަމަށްވެސް އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.


 
 


މި އަހަރުގެ މިހާތަނަށް އިސްރާއީލްގެ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ އުފެއްދުން ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ އުފެއްދުން ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.