ޚަބަރު

ސުޕްރީމް ކޯޓަށް 2 ފަނޑިޔާރުން އައްޔަންކުރުމުގެ މަރުޙަލާތައް ފަށަން ޖެހިފައި


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ސަޢީދުގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެ، އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު ވަނީ ހުސްވެފައެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ކުރި ޙުކުމް ނިހާއީ ޙުކުމެއް ކަމަށް ކަނޑައެޅުމާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމުވެސް ވަނީ ހުސްވެފައެވެ. މިއާއެކު ދައުލަތުގެ ބާރުތަކާއި ކަމާބެހޭ މިނިވަން މުއައްސަސާތައް ގުޅިގެން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ފަނޑީޔާރުން އައްޔަން ކުރުމަށް ފުރިހަމަކުރަންޖެހޭ މަރުޙަލާތައް ފުރިހަމަ ކުރަން ފަށާނެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ޖިނާއީ ޙުކުމެއް ކުރެވި ފުރިހަމަވާންޖެހޭ މަރުޙަލާތައް ފުރިހަމަވުމާއެކު، އެދެބޭފުޅުން ފަނޑިޔާރުކަމުން ވަކިވެ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ވަނީ ހުސްވެފައެވެ.
ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތެވެ. ޤާނޫނު މާނަކުރުމާއި، ޖިނާއީ، މަދަނީ އަދި ދުސްތޫރީ މައްސަލަތަކާއި، ޤައުމީ އެންމެ ބޮޑެތި ކަންކަމުގައި ދެބަސްވުން އުފެދިއްޖެނަމަ އެންމެ ފަހުބަސްބުނާ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ ބާރުގަދަ އެއް މުއައްސަސާއެވެ.

ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި، ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. އެގޮތުން ކޯޓްތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން 5 ފަނޑިޔާރުންކަމަށް ވަނީ ކަނޑައަޅާފައެވެ.
ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން އައްޔަންކުރާނެގޮތް ބަޔާންކޮށްފައިވެއެވެ. އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރާނީ ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ. ޤާނޫނުއަސާސީގެ 147 ވަނަ މާއްދާއާއި 148 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް މީހުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެމާއްދާތަކުގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޤާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ޙާޟިރުވެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން އެނަންތައް ފާސްވުމުންނެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް މީހަކު އައްޔަންކުރަން ޖެހިއްޖެނަމަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާސްކުރާ ނަންތައް، އެ މަޤާމު ހުސްވާތާ 14 ދުވަސްތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޖޭ.އެސް.ސީ އަށް އަންގަވަން ޖެހެއެވެ. އެއާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެފުރުސަތު ޖޭއެސްސީން ހުޅުވާލާނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތައް އެކޮމިޝަނުން ރިޢާޔަތްކޮށްދެއްވުން އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައެޅޭނެއެވެ.

އެއަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށްފަހު، އެމަޤާމަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ފެންނަ މީހުންގެ ނަންތައް ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާނެއެވެ. އޭގެތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށައަޅަންޖެހެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނުވަތަ އުއްތަމަ ފަނޑިޔާރުކަމަށް މީހަކު އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓްގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެނަމެއް ފާސްވެގެން ނެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނުވަތަ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފިނަމަ 7 ދުވަހުގެ ތެރޭގައި އެމީހަކު އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެއެވެ.

ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންނަކީ އެމަޤާމަށް އެކަށީގެންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ، ފަނޑިޔާރެއްގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމާއި، ޢުމުރުން 25 އަހަރު ފުރިފައި ވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެން ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވުން ލާޒިމު ކުރެއެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ)ގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަކީ ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި އެމާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ ޤާނޫނީ ވަކީލުކަމުގައި ނުވަތަ ފަނޑިޔާރުކަމުގައި 7 އަހަރުގެ ތަޖުރިބާހުރި މީހަކު ކަމުގައި ވާން ޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކުރަނީ ވަކި މުއްދަތަކަށް ނޫނެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ޢުމުރުން 70 އަހަރު ވުމާއެކު ފަނޑިޔާރުކަމުން މުސްކުޅިކުރެވޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ އެންމެ ގިނަ އިޖްރާޢަތްތައް ފުރިހަމަކުރަންޖެހޭ އެއް ކަންތަކެވެ.