ކުޅިވަރު

ޓީސީއާއި ވިކްޓްރީ އެއްވަރު!


ފަހު މެޗުން އެއްވަރުވެ ތާވަލްގެ ހަތަރުވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ވިކްޓްރީ ސްޕޯރޓްސް ކްލަބަށް ގެއްލިއްޖެއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯރޓްސް ކްލަބާ ވާދަކުރި މެޗް އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޓީސީއަށް ލީޑް ނަގައިދިނީ އިބްރާހިމް މަހުދީ ހުސެއިންއެވެ. ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސައިމަން ތީބޯއެވެ. ދެޓީމުންވެސް ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ.
ދެވަނަ ހާފްގައި ޓީސީން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހި ކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މޮޅު ނުވިނަމަވެސް ޓީސީގެ ކުޅުން ރަނގަޅު ކަމަށާއި، ހާއްސަކޮށް މިފަހަރުގެ ސީޒަންގައި އަލަށް ނުކުތް ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ޕްރިމިއަރ ލީގަށް ތައްޔާރުވުމަށް ސީނިއަރ ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދިޔުމަކީ ހިތްހަމަޖެހުމެއްކަމަށާއި، ޓީސީ ޕްރިމިއަރ ލީގު ފަށާނީ ވަރުގަދަ ޓީމަކާއެކު ކަމަށްވެސް ކޯޗު ނިޒާމް ބުންޏެވެ.

" ވަރަށް ރަނގަޅު އަސްލު، އެންމެ ބޮޑަށް ހިތްހަމަޖެހެނީ އަލަށް ޗާންސް ލިބުނު ކުޅުންތެރިން މީގެ ތެރެއަށް ވަންނަމުން އަންނާތީ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ދެން ގޭމްވެސް ރަނގަޅު އަނެއްހެން، ގޯހެއް ނޫން ވިން ނުވިޔަކަސް. މިއަހަރު ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބިގެންމިދިޔައީ، ދެން އަނެއްކާ މިދިޔަ މެޗަށްފަހު ސީނިއަރ ގިނަ ކުޅުންތެރިންނަށް ހަފްތާއެއްވަރު ބްރޭކެއް ދިނީ. ދެން ޕްރިމިއަރ ލީގް ފަށްޓާނީ ހަމަ ވަރުގަދައަށް." ނިޒާމް ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސްވެސް ބުނީ ފުރަތަމަ އެގާރައާ ނުލައި ނުކުތް ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މިއަދުގެ ނަތީޖާއަކީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދިހަ ކުޅުންތެރިން އަނިޔާގައި ތިބުން ކަމަށް ކޯޗު ބުންޏެވެ. ނަމަވެސް ކޯޗު ވަނީ މިއަދު ކުޅުނު ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު ކަން ފާހަގަކޮށް، ހުރިހާ ކުޅުންތެރިންނަށްވެސް މަރުހަބާ ކިޔާފައެވެ.

"މިއަދުގެ ނަތީޖާ ވަރަށް ރަނގަޅު. މިއަދު އޮތީ ފުރަތަމަ އެގާރައިގެ ޓީމެއް ނޫން. އެކަމަކު ވަރަށް ރަނގަޅު މަސައްކަތް، ހުރިހާ ކުޅުންތެރިންގެވެސް. މަރުހަބާ ހުރިހާ ކުޅުންތެރިންނަށްވެސް. 10 ކުޅުންތެރިން ހުންއައިސްގެން ޓްރެއިނިންގައި ބައިވެރިނުވުމަކީ ވަރަށް ބޮޑު މައްސަލައެއް. ތަށި ހޯދަން ބޭނުންވޭ ހުރިހާ ކުޅުންތެރިންވެސް." ކިސް ބުންޏެވެ.
މި ނަތީޖާއާއެކު ލީގް ނިމުނުއިރު ޓީސީއާއި ވިކްޓްރީވެސް ލީގްތާވަލުގައި ޕޮއިންޓްގެ ގޮތުން ވަނީ އެއްވަރުވެފައެވެ. ޓީސީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.