ކުދި ފަންތިއާ މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް އަމާޒުކޮށްގެން، ފަންސަވީސް މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފްކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރެކްޗަރއިން ހާމަކުރައްވައިފިއެވެ.
ކުދި ފަންތިއާ މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިންގާ ކެޕިޓަލް އިތުރުކުރުމަށެވެ. އެގޮތުން ކޮންމެ އަހަރަކު ފަންސާސް މިލިޔަން ރުފިޔާ އަދި މިއަހަރު ފަންސަވީސް މިލިޔަން ރުފިޔާ ހަމަޖެއްސުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މިނިސްޓްރީން ވިދާޅުވީ، ކުދި ފަންތިއާ މެދު ފަންތީގެ ކޮންޓްރެކްޓަރުންގެ ގޮތުގައި ބަލާނެ މިންގަނޑަކީ ކޮންޓެރެކްޓަރސް ރަޖިސްޓްރޭޝަން އުސޫލުގައިވާ ގޮތަށް ކޮންޓްރެކްޓަރުންނަށް އެފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކަށް ބަލާފައި ދެވޭ ގިންތިތަކަކަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ލޯނު ދޫކުރެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
އަލަށް އިސްލާހު ގެނައި ޕްލޭނިންގ ރެގިއުލޭޝަންގެ ޤަވާއިދުގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހައުސިންގ މިނިސްޓްރީގައި ރަޖިސްޓްރީކުރަންޖެހޭއިރު، މިހާތަނަށް ސާޅީސް އެއް ކުންފުނި ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި ރަޖިސްޓްރީކުރުމަށް އެދި ފަސްދޮޅަސް ދެ ކުންފުންޏަކުން ވަނީ ހުށަހަޅާފައެވެ.