ޚަބަރު

މިދިޔަ އަހަރު މީރާއަށް ލިބުނު ފައިސާ 4.2 އިންސައްތަ އިތުރުވެއްޖެ


މިދިޔަ އަހަރު މީރާއަށް ލިބުނު ފައިސާ، އަންދާޒާކުރި އަދަދަށްވުރެ 4.2 އިންސައްތަ އިތުރުވެއްޖެއެވެ.

2017 ވަނަ އަހަރުގެ މީރާގެ އަހަރީ ރިޕޯޓްގައި ވާގޮތުން މީރާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަކީ 14.58 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.19 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަހަރީ އާންމު ރިޕޯޓްގައި ވާގޮތުން އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު، ފާއިތުވެ ދިޔަ އަހަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއާއި ބޭންކް ޕްރޮފިޓް ޓެކްސް އަދި ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމެވެ.

2017 ވަނަ އަހަރު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ބަލައިގަތް އާމްދަނީއަކީ މީރާއިން އަންދާޒާކުރި އަދަދާ އަޅައިބަލާއިރު 3 ގުނަ އިތުރު އަދަދެކެވެ. އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި މިންވަރަށްވުރެ 2.25 އިންސައްތަ އިތުރުވެފައި ވާއިރު ޖީ.އެސް.ޓީގެ ގޮތުގައި ބަލައިގަތް އާމްދަނީ އަންދާޒާކުރި އަދަދަށްވުރެ 2.2 އިންސައްތަ ވަނީ އިތުރުވެފައެވެ.