ކުޅިވަރު

ގްރީން ބަލިކޮށް، އީގަލްސް ތާވަލްގެ ދެވަނާގައި!


ގްރީންސްޓްރީޓްސް ބަލިކޮށް، ކްލަބް އީގަލްސްއިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ދެޓީމްވެސް ކުޅުނު ފަހު މެޗު ރޭ އީގަލްސް ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. އީގަލްސްގެ ފުރަތަމަ ލަނޑަކީ މެޗްގެ ފަސްވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ ލުއިސް އެޑްއާޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. ދެވަނަ ލަނޑަކީ ރޭގެ މެޗުގައި ގްރީންސްޓްރީޓްސްގެ ގޯލް ބެލެހެއްޓި މުހައްމަދު ޖަޒްލާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ދެވަނަ ހާފްގެ 29 ވަނަ މިނެޓްގައި އީގަލްސްއަށް ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ބިދޭސީ ފޯވާޑް އެޑްއާޑޯއެވެ.
މެޗުގައި އީގަލްސްއިން ވަނީ މޮޅަށްކުޅެ ގިނަ ފުރުސަތުތަކެއް ފަހި ކުރުމަށް މަސައްކަތްކޮށްފައެވެ. މެޗަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް(މޯހަން) ޕްރެސްއަށް އައުމަށް ދެކޮޅު ހެދުމުން ޕްރެސްއަށް ހާޒިރުވި އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދުވެސް ވަނީ އީގަލްސްގެ ކުޅުންތެރިންގެ ހިތްވަރު ފާހަގަކޮށް ތައުރީފް ކޮށްފައެވެ. ނިމާދު ބުނީ ލީގުގައި ޓީމްގެ ޒުވާން ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އަދި ލީގު ތާވަލްގެ ދެވަނަ ނުވަތަ ތިންވަނައިގައި ލީގު ނިންމާލެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭންގެ ވާހަކަތައް ހުރީ ލީގުގެ ބޭނުމެއް ނެތް ގޮތަށެވެ. އޭނާ ބުނީ ހަމަސްދުވަހުގެ މަސައްކަތުގެ ނަތީޖާއަކަށް ހަމައެކަނި އެންމެ ތިން މަސްދުވަހަށް ދެމިގެންދާ ޕްރިމިއަރ ލީގަށް ކޮލިފައި ވުމަކީ މާބޮޑު ފައިދާއެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަށް ޓީމް ބައިވެރިވާ ލީގުން ކުޅުންތެރިންނަށް ލިބޭ ކުރިއެރުމަކީ ނުވަތަ ކާމިޔާބީއަކީ ކޮބައިކަމާމެދު ކޯޗުވަނީ ވަރަށްބޮޑަށް ސުވާލު އުފައްދާފައެވެ.

ލީގުގައި މިރޭ ތާވަލުގެ އެއްވަނަ ޓީމް ނިއުރޭޑިއެންޓާ ތިންވަނައިގައި އޮތް މާޒިޔާ ބައްދަލުކުރާ މެޗުން މާޒިޔާ ބަލިވެއްޖެނަމަ އީގަލްސްއަށް ތާވަލުގެ ދެވަނަ ކަށަވަރުވާނެއެވެ.