ވިޔަފާރި

ހެލްތު މިނިސްޓްރީން، އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި





 


ރާއްޖޭގެ ސިއްޚީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި ރީއެޖެންޓްސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި، މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއާއެކު ސޮއިކޮށްފިއެވެ.


 
ފަސް އަހަރު ދުވަހުގެ މިއެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދުއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.


 
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ކުރިއަށްއޮތްތާގައި ދެމެހެޓެނިވިގޮތެއްގައި ސިއްޚީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ފޯރުކޮށްދެވިގެންދާނެކަމަށެވެ. އަދި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.


 
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްޚީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބުމުގެ އިންތިޒާމު އެކުންފުނިން ހަމަޖައްސާނެކަމަށެވެ. އާޒިމް ވިދާޅުވީ ޚިދުމަތްދޭ ތަންނަށް ތަކެތި ބޭނުންވާނެ އަދަދެއް އަދި އެނގިފައިނުވުމުން ކުރިއަށްއޮތް ހަ މަހުގެތެރޭގައި ކޮންމެ މަރުކަޒަކަށް ބޭނުންވާނެ ތަކެތީގެ މައުލޫމާތުއެއްކުރުމަށްފަހު ހުރިހާ ސަރަޙައްދަކަށް ލިބޭނެކަމަށެވެ.


 
އާޒިމް ވިދާޅުވީ މުޅި ރާއްޖެއަށް ބޭސް ފޯރުވައި ދިނުމަށް އެސްޓީއޯ އިން ހަވާލުވި އިރު، ބޭސް ސްޓޮކް ކުރާނެ ރަނގަޅު ފެސިލިޓީތަކެއް މިހާރުވެސް އެސްޓީއޯގައި އެބަހުރިކަމަށާ، ފެސިލިޓީތައް ބޮޑު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ.


 
 


މީގެ ކުރިން އެސްޓީއޯ އިން ސިއްޚީ ޚިދުމަތަށް ބޭނުންވާނެ ތަކެތި ސަޕްލައިކޮށްދެމުންއައީ ހަމައެކަނި އައިޖީއެމްއެޗަށެވެ. ރާއްޖޭގެ އެހެނިހެން ތަންތަނަށް ބޭނުންވާ ތަކެތި ހެލްތް މިނިސްޓްރީން ފޯރުކޮށްދެމުންއައީ ޔުނޮޕްސް އާއެކު ހެލްތް މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.