ޚަބަރު

ކޮރެއާ ބައްރުގައި ހިންގާ އަސްކަރީ ތަމްރީނުތަކާމެދު ދެކުނު ކޮރެއާގެ ބަސް


ކޮރެއާ ބައްރުގައި އެމެރިކާ އާއި ދެކުނު ކޮރެއާއިން ހިންގާ ބޮޑެތި އަސްކަރީ ތަމްރީނުތައް ހުއްޓާލާނެކަން ދެ ޤައުމުން މި ހަފުތާގައި އިޢުލާނުކުރާނެކަމަށް ދެކުނު ކޮރެއާގެ ޚަބަރު ފަތުރާ ވަސީލަތް ޔޮންހަޕްއިން ރިޕޯޓްކޮށްފިއެވެ.

ކޮރެއާ ބައްރުގައި އެމެރިކާ އާއި ދެކުނު ކޮރެއާއިން ހިންގާ އަސްކަރީ ތަމްރީނުތަކަކީ އެމެރިކާއާއި އުތުރު ކޮރެއާގެ ދެމެދު ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ވާނަމަވެސް، މި މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މި އަސްކަރީ ތަމްރީނުތައް ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައެވެ.

ދެކުނު ކޮރެއާ ސަރުކާރުން ބުނެފައިވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ ބޮޑެތި އަސްކަރީ ތަމްރީނުތައް ހުއްޓާލާނެކަން އިއުލާނުކުރާ އިރު، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރު ކޮރެއާއިން ވެފައިވާ އެއްބަސްވުމަށް ޢަމަލީ ފިޔަވަޅުތައް ނާޅައިފިނަމަ މި ތަމްރީނުތައް އަލުން ފަށާނެކަމަށެވެ. އަސްކަރީ ތަމްރީނުތައް ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް ދެކުނު ކޮރެއާގައި ތިބޭ އެމެރިކާގެ ސިފައިންގެ އިސް ކޮމާންޑުން ބުނެފައިވަނީ މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި އިރުޝާދެއް ވެސް ލިބިފައި ނުވާ ކަމަށެވެ.