ޚަބަރު

ވޯލްޑް ސްކޮލާސް ކަޕްގައި ބައިވެރިވާ ދިވެހި ދަރިވަރުން މެލޭޝިޔާއަށް ފުރައިފި


ވޯރލްޑް ސްކޮލާރސް ކަޕްގެ ސަރަޙައްދީ މުބާރާތުން ހޮވުނު ދިވެހި ދަރިވަރުންތައް، މުބާރާތުގެ ގްލޯބަލް ރައުންޑްގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ރައުންޑްގައި ރާއްޖެ ތަމްސީލް ކުރުމަށް ފުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ބިލަބޮންގް އިންޓަރނޭޝަނަލް ސްކޫލާއި ގޭޓްވޭ އަދި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.

މި ދަތުރާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަހުމަދު ޝަފީޤް ވިދާޅުވީ ގިނަ ދަރިވަރުންތަކެއް ގޮވައިގެން މެލޭޝިއަށް ކުރާ ދަތުރަކީ، މާލޭގައި ބޭއްވި ސަރަޙައްދީ މުބާރާތުން ހޮވުނު ދަރިވަރުން ގްލޯބަލް ރައުންޑްގައި ވާދަކުރުމަށް ކުރާ ދަތުރެއް ކަމަށާއި މިދަތުރު ރޭވުމާއި ދަތުރަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމުގައި ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ވަރަށް ބޮޑަށް އެހީތެރިވެފައިވާ ކަމަށެވެ. އަދި ގްލޯބަލް ރައުންޑްގައި ވާދަކުރާ އަހުމަދިއްޔާގެ ދަރިވަރުންގެ އަމާޒަކަށް ވަނީ އެހެން ސްކޫލްތަކާއި އެއްފަދައިން މި ރައުންޑްގައި އޮންނަ ޗެލެންޖުތަކާއި، ކްއިޒް މުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 5 ހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ މިމުބާރާތުގެ ގްލޯބަލް ރައުންޑުގައި ރާއްޖެ ތަމްސީލްކުރާ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ބައެއް ދަރިވަރުން ބުނީ މިއީ އެހެން ޤައުމުތަކުގައި ދިވެހިންގެ ސަޤާފަތާއި ހުނަރު ދައްކާލުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށާއި މި ފުރުޞަތުގެ ބޭނުންކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކިސްކޫލްތަކުން 80 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.