ކުޅިވަރު

ރަޝިޔާގައި ފެށި ވަރލްޑްކަޕްގެ ފުރަތަމަ މެޗުން ރަޝިޔާއަށް ފަސޭހަ މޮޅެއް!


5-0 ން ސައުދީ އަރަބިޔާ ބަލިކޮށް، ރަޝިއާ ވަރލްޑް ކަޕްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރަޝިޔާއިން މިމެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑެވެ. އަދި ރަޝިއާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގަޒިންސްކީއެވެ. ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނިސް ޗެރިޝޭވްއެވެ. ފުރަތަމަ ދެ ލަނޑަކީ ރަޝިއާގެ ޤައުމީ ޓީމަށް ޗެރިޝޭވް އާއި ގަޒިންސްކީވެސް ޖަހައިދިން ފުރުރަމަ ލަނޑެވެ. މިމެޗުގައި ޗެރިޝޭވް ވަނީ ދެ ލަނޑު ޖަހާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.
ރަޝިއާގެ ތިން ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކުޅެން ނިކުތް ޝުބާ ކާމިޔާބުކޮށްދިނީ ކުޅެން ނިކުތްތާ މިނެޓެއްވެސް ނުވަނީހެވެ.
ރަޝިއާގެ ފަސް ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އެލްސެންޑަރ ގޮލޮވިންއެވެ. މިމެޗުގައި ގޮލޮވިން ވަނީ ލަނޑު ޖަހަން އިތުރު ދެ ފުރުޞަތުވެސް ތަނަވަސްކޮށްދީފައެވެ.
މިނަތީޖާއާއެކު ރަޝިޔާއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު ބޮޑުވެފައެވެ.

މެޗަށްފަހު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޑެނިސް ޗެރިޝޭވް ބުނީ އޭނާގެ ދެވަނަ ލަނޑަކީ ޓްރެއިނިންގައިވެސް މަސައްކަތްކުރި ގޯލެއް ކަމަށެވެ. އަދި ޓީމާއެކު މުބާރާތުގައި ބައިވެރިވުމަކީވެސް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ހުވަފެނުގައިވެސް ވެދާނެ ކަމެއްކަމަކަށް ނުބަލަން. ހަމައެކަނި ރަޝިޔާ ޓީމުން ފުރުސަތު ލިބުމުންވެސް އަހަރެން ހުރީ ވަރަށް އުފަލުން. އަދި މިއަދު މެޗުގައި މިދެއްކުނު ކުޅުމާއި ދެ ގޯލް ޖެހުމުން ވާ އިޙްސާސްތައް ކިޔައިދޭކަށްވެސް ނޭންގޭ. އަހަރެންގެ ދެވަނަ ގޯލަކީ ޕްރެކްޓިސް ތަކުގައިވެސް މީގެކުރިން މަސައްކަތްކޮށްފައިވާ ޓެކްޓިކްއެއް. އަހަރެން މަސައްކަތް ކުރީ ފޯވާޑް ކައިރީގައި ހުރުމަށް. އަދި ބޯޅަ ލިބުމާއި އެކު ކުރިއަށް ފޮނުވާލީ. އިތުރަށް ވިސްނާކަށް ވަގުތެއް ނުލިބޭ." މެޗުގެ މޮޅު ކުޅުންތެރިޔާ ބުްންޏެވެ.

މި ގްރޫޕްގައި ދެން އޮތީ މިޞްރާއި އުރުގުއާއެވެ. މިދެޓީމް ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ހަވީރު ފަހެއް ޖަހާއިރުއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ރަޝިޔާގައި ވަރލްޑްކަޕް ފަށައިދިނީ ބްރެޒިލްއާއެކު ދެ ވަރލްޑްކަޕް ކާމިޔާބުކޮށް، މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ރޮނަލްޑޯއާއި، އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސްއެވެ. މުބާރާތުގައި ހިތްގައިމު ލަވަ ހުށައަޅައިދިނީ ރޮބީ ވިލިއަމްސްއެވެ. އަދި މުބާރާތް ފަށަން މެސްކޮޓަށް ބޯޅަ ޕާސްކޮށްލީ ރޮނަލްޑޯއެވެ. ރަސްމިއްޔާތުގައި ރަޝިޔާގެ ވަލްޑަމިއަރ ޕުޓީންގ ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ރަޝިޔާގައި ވަރލްޑްކަޕް ބޭއްވޭތީ ރަޝިޔާގެ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމަށެވެ.

" ފުޓްބޯޅައަށް މިތަނުގައި ވަރަށްބޮޑު ލޯތްބެއްއޮވޭ. ރަޝިޔާ މިއޮތީ ހުޅުވާލެވިފައި، މިއީ ރަހުމްތެރި، މެހްމާންދާރީ ރަނގަޅު މާހައުލެއް" ޕުޓީން ވިދާޅުވިއެވެ.