ޚަބަރު

ވީއައިއޭގައި ތެޔޮ ރައްކާކުރާ ފިއުލްފާމުގެ ކޮންކްރީޓް މަސައްކަތް ފަށައިފި


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމުގެ ކޮންގްރީޓް މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ރައްކާކުރަން ހަދާ އައު ފިއުލްފާމުގެ ފުރަތަމަ ޓޭންކްތަކުގެ ކޮންރީޓް ވޯލްގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެމްސީއެލް އިން ބުނީ އެ މަޝްރޫއުގެ ދަށުން، ބަހައްޓާ ޓޭންކްތަކުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށެވެ.

މި މަސައްކަތް ކުރަނީ ވީއައިއޭގެ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ބިލްޑިންގެ މަސައްކަތް ހަވާލުވެފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއުގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް ސަރުކާރުން ބުނެއެވެ.