ޚަބަރު

ވޯލްޑްކަޕްގެ މެޗުތައް ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓް ކުރުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރައްދު ދީފި


ވޯލްޑްކަޕްގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައްދު ދީފިއެވެ.

އެކޮމިޝަނުން މިގޮތަށް ބުނީ ރާއްޖެއަށް ފީފާ ވޯލްޑްކަޕްގެ މެޗްތައް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދީފައިވާ ފަރާތް ޕީއެސްއެމްއާކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި މީޑިއާ ނެޓާއި ދިރާގުންވެސް ބައިވެރިވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ، ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް ދިވެހިރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް، ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނަގާފައިވަނީ ސޮނީ ޕިކްޗާސްއިން ދީފައިވާ ކްލީން ފީޑްގެ ރައިޓްސް ކަމަށެވެ. އެހެންނަމަވެސް ސޮނީ ޕިކްޗަރސްއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް އޮންނާތީ ސޮނީ ޕިކްޗަރސްގެ ޗެނަލްތައް ރީ ބްރޮޑްކާސްޓްކުރާ ފަރާތްތަކަށް އެޗެނަލްތައް ދެއްކުމުގެ ހުއްދަ އޮންނާނެކަމަށެވެ. ނަމަވެސް ލައިސަންސް ނެތި ނުވަތަ ހުއްދަ ނެތް ޗެނަލްއެއް ރީބްރޯޑްކާސްޓް ކުރާނަމަ އެފަރާތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޝަހީބު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވިދާޅުވީ ޕީއެސްއެމްއިން ވޯލްޑްކަޕާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވާނީ ހުއްދަ ނޫން ގޮތުގައި ވޯލްޑް ކަޕް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ވާހަކަ ކަމަށެވެ. ސޮނީ ޕިކްޗަރސްއިން މިއަދު ނެރުނު ބަޔާނެއްގައި، ސޮނީ ޕްކްޗަރއާ ގުޅުންހުރި ޑިސްޓްރިބިއުޝަން ޕާޓުނަރުންގެ ތެރެއިން ޕީއެސްއެމް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ވޯލްޑްކަޕާ ގުޅުވައިގެން ސީދާ އެއްވެސް ހަރަކާތެއް ހިންގުމުގެ ހުއްދަ ނޯންނާނެ ކަމަށް ބުނެފައިވާކަންވެސް ނަސްރީން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ، ފީފާ ވޯލްޑްކަޕް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާއި ޢާންމުންނަށް އެއްވެސް ދަތިކަމެއް ނެތި، ގިނަ ޕްލެޓްފޯމްތަކެއް މެދުވެރިކޮށް ގެނެސްދިނުމަށްޓަކާ ޤާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމަށްފަހު ބްރޯޑްކާސްޓިންގް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ގެ 38 ވަނަ މާއްދާއާއި 35 ވަނަ މާއްދާއަށް ބަލާއިރު، ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ "ލިސްޓަޑް އިވެންޓެއް" ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޙައްޤު ހޯދުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ އިވެންޓެއް ފޯރުވައިދިނުމަށް މަގުފަހިކޮށްދީފައިވާތީ އާއި، ފީފާ ވޯލްޑްކަޕަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި އެކޮމިޝަނުން ކަނޑައަޅައިފައިވާ އިވެންޓަކަށް ވެފައި، ރަޝިއާގައި ކުޅޭ ފީފާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައިވޭތޯ އެ ކޮމިޝަނުން ބެލިބެލުމުން، ވޯލްޑްކަޕްގެ މެޗެތައް މި ޞަރަހައްދުގައި ޑިސްޓްރިބިއުޓްކުރުމުގެ ޙައްޤު އޮތް ފަރާތާއެކު ޕީއެސްއެމް އިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރައްޔިތުންނަށް ބެލޭނޭ މަގު ފަހިވެފައިވާކަން ކަށަވަރުވެފައި ވާތީ އެކަމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދައްކަމުންދާ ޗެނަލްތައް ގެނެސްދޭން ވާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށާ، އެފަދަ އެއްވެސް ޗެނަލެއްގައި ޤާނޫނާ ޚިލާފު ކޮންޓެންޓެއް ހިނެމިފައި ނުވާ ގޮތުގެ މަތީން ކަމުގައިވެސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ބުނެފައެވެ.