ޚަބަރު

އެމްޑީޕީގެ ޕްރައިމަރީއަކީ ޑިމޮކްރަސީއަށް ކުރި މަލާމާތެއް - އަޒްލީން


އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަކީ ޑިމޮކްރަސީއަށް ކުރި ބޮޑު މަލާމާތެއްގެގޮތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ސިފަކުރައްވައިފިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިފަދަ ޢަމަލުތަކަކީ ޑިމޮކްރަސީއަށް އިޙްތިރާމްކުރާ، ޤާނޫނާއި ޤަވައިދުތަކަށް އިޙްތިރާމްކުރާ ބަޔަކު ކުރާނެ ޢަމަލެއް ނޫންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިހެން ވިދާޅުވީ ޤާނޫނާ ޚިލާފަށް ކުރިއަށްގެންދިޔަ ޕްރައިމަރީ ހުއްޓުވުމަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ނުކުތުމުންވެސް އެކަމަށް އެއްބާރުލުން ނުދީ ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދިއުމުގައި އެމްޑީޕީން ގެންގުޅުނު ބޯދާ ގޮތްތަކާ ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެކަނި އެންމެ ކެންޑިޑޭޓަކު ބައިވެރިކޮށްގެން ޕްރައިމަރީ ކުރިއަށްގެންދިއުމާއި، ޤާނޫނީ ހުުކުމެއް ތަންފީޒް ކުރަމުންދާ މީހަކަށް އެމީހާ ވުމާއި ޤާނޫނަށް ބޯނުލެބުމުގެ އިތުރުން، އެމްޑީޕީގެ ޕްރައިމަރީއަކީ ޑިމޮޮކްރަސީގެ އަސާސެއްވެސް އެކަމުގައި ނެތްކަމެއްކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މިފަދަ ޢަމަލުތަކަކީ އިންސާފުވެރި، މިނިވަން އިންތިޚާބަކަށް އެޅޭ ވަރަށްބޮޑު ހުރަހެއްކަމަށާ، މިކަމުގެސަބަބުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށްވެސް ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ހޯމްމިނިސްޓަރ އަޒަލީން އަޙްމަދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު، އެކަމަށް ވާންޖެހޭ ތައްޔާރީތައް ކަމާއި ގުޅުންހުރި އިދާރާތަކުން ވަރަށް ފުރިހަމައަށް ވަމުންދާކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަން ވަރުދަގަދަކުރުމަށް ފުލުހުންވަމުންދާ ތައްޔާރީތަކަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާ ސަރަޙައްދުތަކުގައި އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ފުލުހުން ހަރަކާތްތެރިވާނެކަމަށާ، އެސަރަޙައްދުތަކުގައި ހަމަނުޖެހުން އުފައްދައި މާޙައުލު ހަލަބޮލިކުރަން އެއްވެސް ފުރުސަތެއް ނުދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މަގުތަކަށް މީހުންނެރެގެން މަގުތައް ހަލަބޮލުކުރުމަށް އިދިކޮޅު ފަރާތްތައް މީގެކުރިން ކުރި މަސައްކަތްތައް ވެސް ކާމިޔާބުވެފައި ނުވާކަން ފާހަގަކުރައްވައި ހޯމްމިނިސްޓަރު ވިދާޅުވީ ރައްޔިތުންނަކީ މިހާރު އިދިކޮޅުފަރާތްތަކުން ކުރާ އެފަދަ ޓާކުންތާކުނުޖެހޭ ކަންކަމަށް ސަމާލްކަންދޭ ބައެއްނޫންކަމަށެވެ. ރާއްޖެ އަމާން ތަނަކަށް ހެދުމަސް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކަމަށާ، މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.