ޚަބަރު

"ހަބޭސް ޢީދު ޝޯވ"މިފަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި


ފިތުރު ޢީދާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަބޭސް"އިން ބާއްވަމުން އަންނަ "ހަބޭސް އީދު ޝޯ" މިފަހަރު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަބޭސްގެ މެނޭޖަރ ޢަލީ ޝިފާޢު ބުނީ މިދިޔަ އަހަރު މާލޭގައި ބޭއްވި އީދު ޝޯވއަށްވުރެ މިފަހަރުގެ ޝޯވ މާ ފުރިހަމަވާނެކަމަށެވެ. މި ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން ހަބޭސްގެ އެހެން ބޭންޑްތަކާއި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާނެކަމަށް އޭނާ ބުންޏެވެ. މިގޮތުން ހަބޭސް ފިއުޝަން، ލެވިޓޭޝަން ބައި ހަބޭސްގެ އިތުރުން ޑީޖޭ އަލީ އާއި މަޝްހޫރު ރޮކް މެޓަލް ބޭންޑް ޓްރެފިކް ޖޭމްއިން މި ޝޯވގައި ޕާފޯމް ކުރާނެކަމަށް އަލީ ޝިފާއު ބުންޏެވެ.

މި ޝޯވ އޮންނާނީ ވަޅު އީދު ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޝޯވގެ އިތުރުން ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އަލީ ޝިފާއު ބުންޏެވެ. މިގޮތުން އެދުވަހު ހަވީރު ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހުނަރު ދައްކާލުމުގެ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ބުންޏެވެ.

ކުޑަކުދިންގެ ހަވީރާއި ހަބޭސް އީދު ޝޯވ މިފަހަރު ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ އެހީތެރިކަމާއެކު އޮފިޝަލް އިވެންޓްސްއާ ގުޅިގެންނެވެ.