ކުޅިވަރު

އައްޑޫ މެރަތަން މި މަހުގެ 29 ވަނަ ދުވަހު ބާއްވަނީ


އައިރަނާސްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އައްޑޫ މެރަތަން މިމަހު 29ގައި ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ އައްޑޫ މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަކުރެވޭނެކަމަށް އައިރަނަރސް އިން ބުނެއެވެ. އެއީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރުގެ ދުވުމުވެ. މިއިން ކޮންމެ ކެޓަގަރީ އަކުންވެސް އަންހެން އަދި ފިރިހެން ދުވުންތެރިންގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ މެރަތަންއާ ދިމާކޮށް އައްޑޫ މެރަތަން ހެލްތު އެންޑް ފިޓްނަސް އެކްސްޕޯއެއް މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުގެ ހެނދުނު 14:30-21:00 އަށް ގަމުގެ އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އައިރަނާސް އިން ބުނެއެވެ. މިއެކްސްޕޯގެ ތެރެއިން މެރަތަންގައި ބައިވެރިވާ ފާރާތްތަކަށް ރޭސް ކިޓް ދޫކުރުމާއި އަދި ސްޕެޝަލް ޗެރިޓީ ބިބް ވިއްކުމަށްވެސް ވަނީ ހަަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެމުން އައްޑޫ މެރަތަންގެ މީޑިއާ އޮފިޝަލް ބުނެފައިވަނީ އައްޑޫ މެރަތަންގެ ރެޖިސްޓްރޭޝަން ފީގެ 10 ޕަސެންޓާއި ސްޕެޝަލް ޗެރިޓީ ބިބް ވިއްކަައިގެން ލިބޭ ފައިދާ ޓައިނީ ހާރޓް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ނިންމައިފައިވާކަމަށެވެ.

އައްޑޫ މެރަތަންގެ ޕާރޓްނަރުން ކަނޑައަޅާފައިވާއިރު ހޯސްޓިންގ ޕާރޓްނަރުގެ ގޮތުގައި އައްޑޫސިޓީ ކައުންސިލް، ޑިޖިޓަލް ޕާރޓްނަރުގެ ގޮތުގައި އޫރީދޫ މޯލްޑިވްސް، ޗެރިޓީ ޕާރޓްނަރުގެ ގޮތުގައި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، އެކޮމޮޑޭޝަން ޕާރޓްނަރުގެ ގޮތުގައި އީކުއޭޓަރ ވިލެޖް އަދި ބްރޮންޒް ސްޕޮންސަރގެ ގޮތުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ވަނީ ކަނޑައަޅާފައެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ޙަރަކާތްތެރި މުޖުތަމަޢައް ޤާއިމްކުރުމާއެކު، ކަސްރަތު ކުރާ މިންވަރު އިތުރު ކުރުމަށް އާއްމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި އައިރަނަރސް އިން މި މެރެތަން ބާއްވާތާ މިއީ ދެވަނަ އަހަރެވެ.