ކުޅިވަރު

ފީފާ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޖަރުމަންވިލާތުން އުފުލާލައިފި

 


މެޗް ނިމެން ދަނިކޮށް މާރިއޯ ގޮޓްޒޭ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލުން އާރޖެންޓީނާގެ މައްޗަށް ކުރި ހޯދާ ފީފާ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް ޖަރުމަންވިލާތުން އުފުލާލައިފިއެވެ.


 
ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގެ ހަމައެކަނި ލަނޑު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ގޮޓްޒޭ ކާމިޔާބުކޮށްދިނީ މެޗްގެ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާތީ އިތުރަށް ކުޅުނު ފަނަރަ މިނެޓްގެ ދެހާފްގެ ތެރެއިން ފަހު ހާފްގެ ސަތޭކަ ތޭރަވަނަ މިނެޓްގައެވެ. މިއީ ދެކުނު އެމެރިކާ ސަރަޙައްދުގައި ކުޅުނު ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ ތަށި ޔޫރަޕްގެ ގައުމަކުން އުފުލާލި ފުރަތަމަ ފަހަރެވެ.


 
 


މިފަހަރުގެ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އާރޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ޖަރުމަންގެ ކީޕަރ މެނުއަލް ނޯޔާރ ހޮވުނުއިރު ޖުމްލަ ހަ ލަނޑާއެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ކޮލަމްބިއާގެ ފޯވާރޑް ހަމޭޒް ރޮޑްރިގޭޒެވެ. ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާއެވެ. އަދި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކޮލަމްބިޔާއެވެ.