ޚަބަރު

އިތުރު 7 ޒުވާނުންގެ މަރުކަޒެއް ހުޅުވަނީ


ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ހަތް ޒުވާނުންގެ މަރުކަޒެއް ހުޅުވުމަށް ތައްޔާރުވަމުން ދާ ކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ހަތް ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ ގޮތުން އެތަންތަނަށް ބޭނުންވަ މުހިންމު ވަޞީލަތްތަކާއި ކުޅިވަރުގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިހާތަނަށް މުޅިން އަލަށް 24 ޒުވާނުންގެ މަރުކަޒެއް ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

'' ކުރިން ޤާއިމްކުރެވިފައިވަނީ 28 ޒުވާނުންގެ މަރުކަޒު. ރައީސް ޔާމީންގެ ޒަޢާމަތުގައި މުޅިން އަލަށް 24 ޒުވާނުންގެ މަރުކަޒުގެ ޚިދުމަތް ދޭން ވަނީ ފެށިފައި. 7 ޒުވާނުންގެ މަރުކަޒެއް ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައި. އަދި 2018 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު 4 ޒުވާނުންގެ މަރުކަޒު ހުޅުވިގެންދާނެ. މިއީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނާނއި ކުޅވަރަށްޓަކައި ކުރައްވަމުން ގެންދަވާ މުޙިންމު މަސައްކަތްތައް ރަމްޒުކޮށްދޭ ކަމެއް ކަން ޔަޤީން''

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާއިތުވި ހަތަރު އަހަރަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ކާމިޔާބީއާ ކުރިއެރުންތަކެއް ޙާސިލްކުރި އަދި ޒުވާނުންނާއި ކުޅިވަރުގެ ރަންޒަމާނެއްގެ ގޮތުގައި ފާހަގަވެފައިވާ ދުވަސްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެެވެ.

ޒުވާނުންގެ މަރުކަޒުތަކުން ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން މިހާރު ވަނީ 7 ޒުވާނުންގެ މަރުކަޒަކަށް ބޭނުންވާ ވަޞީލަތަކާއި ކުޅިވަރު ސާމާނުވެސް ހަވާލުކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 ޒުވާނުންގެ މަރުކަޒު ވަނީ ޤާއިމްކޮށްފައެވެ.