ވިޔަފާރި

ރިވެޓްމަންޓް ޖަހާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކުރައްވައިފި





 


ބިން ހިއްކާ ނިމިފައިވާ ހަތަރު ރަށެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާންކުރައްވައިފިއެވެ.


 
ޑެންމާރކުގެ ބޮސްކާލިސް ކުންފުންޏާ ޙަވާލުކޮށްގެން ބިން ހިއްކާފައިވާ ހަތަރު ރަށަކީ، ބ.އޭދަފުށްޓާ،ކ.ތުލުސްދޫއާ،ދ.މީދޫއާ ދ.ކުޑަހުވަދޫއެވެ. މިހަތަރު ރަށުގައި ރިވެޓްމެންޓް ޖެހުމަށް ފުރަތަމަ ކުރެއްވި އިއުލާނާ ގުޅިގެން، ބިޑްކޮށްފައިވާ އެއްވެސް ފަރާތަކުން އިވެލުއޭޝަންގައި ފާސްވެފައިނުވާތީ، ދެވަނަ ފަހަރަށް މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރެއްވީ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުންގެ މިމަހުގެ ސޯޅައިގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ. މި ހަތަރު ރަށުގައި ޖުމްލަ ހަތަރު ހާސް އަށް ސަތޭކަ ސައުވީސް މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.


 
 


ބިން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން އޭދަފުށީގައި ހިއްކާފައިވަނީ ސައްބީސް ހެކްޓަރު، މީދޫގައި ހިއްކާފައިވަނީއެކާވީސް ހެކްޓަރުގެ ބިމެވެ. އަދި ތުލުސްދޫގައި ތިރީސް ތިން ހެކްޓަރު ހިއްކާފައިވާއިރު، ކުޑަހުވަދޫގައި ވަނީ ފަސްދޮޅޮސް ފަސް ހެކްޓަރުގެ ބިން ހިއްކާފައެވެ. މިހަތަރު ރަށުގެ ބިން ހިއްކުމަށް ސަރުކާރުގެ ބަޖެޓުން ތިރީސް ހަތް މިލިޔަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.