ޚަބަރު

ޔުނިޓީގެ ރާއްޖޭގެ ޕާޓްނަރަކަށް ޕްރޯޑިޒައިނާރސް


ގޭމް އުފެއްދުމަށް ދުނިޔޭގަ ބޭނުންކުރާ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމުގައިވާ ޔުނިޓީގެ ރާއްޖޭގެ ޕާޓްނަރުގެ ގޮތުގައި ޕްރޯޑިޒައިނާރސް ހަމަޖެހިއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރޯޑިޒައިނާސް ވެގެންދާނީ ރާއްޖޭގައި ހުންނަ ޔުނިޓީގެ ހަމައެކަނި އޮތޮރައިޒްޑް ޓްރެއިނިންގް ޕާޓްނަރ އަދި ޓްރެއިނިން ސެންޓަރަށެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޯޑިޒައިނާސް ގެ މުވައްޒަފުންނަކީ ޔުނިޓީގެ ސެޓިފައިޑް ޓްރައިނަރުންނަށްވެ، ދެކުންފުނި ގުޅިގެން ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޔުނިޓީ ބޭނުންކޮއްގެން ގޭމްހަދާނެ ގޮތް ދަސްކޮއްދުމަށް ހަމަޖެހިފައިވާކަމަސް ޕްރޯޑިޒައިނާސް އިން ބުނެއެވެ.

އަދި މާލޭގައި އާންމުންނަށް ހުޅުވާލައިގެން ޔުނިޓީ އޮތޮރައިޒްޑް ޓްރެއިނިންގްތައް ކުރިއަށް ގެންދާނެކަމަށްވެސް އެފަރާތުން ބުނެއެވެ. ސެންފްރެސިސްކޯގައި މައި އޮފީސް ހުންނަ މި ޔުނިޓީއަކީ 2004 ގައި ޑެންމާކްގައި އުފެއްދި ކުންފުންޏެކެވެ. މަޝްހޫރު ޕޮކޮމޮން ގޯ އާއި، ޓެމްޕަލްރަން ޓްރިލޮޖީއާއި، އެސަސިންސް ކްރީޑް އައިޑެންޓިޓީއާ، މޮނިޔުމަންޓް ވެލީފަދަ ގޭމްތަކަކީ ޔުނިޓީގެ އިންޖީން ބޭނުންކޮއްގެން އުފައްދާފައިވާ ގޭމްތަކެކެވެ. މި ޔުނިޓީން އުފައްދާފައިވާ ގޭމް ބޭނުންކުރާ މީހުންގެ އަދަދު 2.4 މިލިއަނަށް އަރައެވެ.

ޔުނިޓީގެ ރާއްޖޭގެ ޕާޓްނަރުގެ ގޮތުގައި ހަމަޖެހިފައިވާ ޕްރޯޑިޒައިނާސް އަކީ 2011 ވަނައަހަރު އުފެދުނު ދިވެހި ކުންފުންޏެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ ގްރެފިކްސް ޑިޒައިނިންއަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ކުންފުނީގެ ފަރާތުން އަންނަނީ ގޭމް ޑިވަލޮޕްކުރުމުމާ، އޭއާރު (އޮގްމެންޓެޑް ރިއަލިޓީ ) އެޕްތައް ހެދުމާއި، ވެބް ޑިވަލޮޕްކުރުމާއި ޑިޒައިންކުރުމާއި އެނިމޭޝަންގެ މަސައްކަތް ރާއްޖޭގައާއި، ރާއްޖޭން ބޭރުގައިވެސް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.

އެގޮތުން ޕްރޯޑިޒައިނާސްއިން ކާމިޔާބުކަމާއެކު ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި، ޑެންމާކްގެ "މާރސް އެކްސްޕްލޮރޭޝަން" މައުރަޒުގެ ޕްރޮޖަކްޓާ، ލައިން އެންޑް ޔޯ ގެ ވެބްސައިޓާއި، ހޮލޮގޯއާ، ޓީޗިންޓިއުބާއި ދަމާސް ވަން އެވެނިއު އަދި ސީ ލައިފްގެ އެޕާޓްމަންތް ކޮމްޕްލެކްސްތަކުގެ 3ޑީ ޕްރޮޖެކްޓް ހިމެނެއެވެ.