ވިޔަފާރި

ޕޯސްޓް ލިމިޓެޑް އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފި


މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ޢާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ 2 ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިއްސާގެ އޮނިގަނޑު ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން 30 މެއި 2018 އިން ފެށިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 99 އިންސައްތަ ހިއްސާ އައިލެންޑް އޭވިއޭޝަނަށް، އަދި 1 އިންސައްތަ ހިއްސާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ، މި ބަދަލާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތްތަކާއި، ގާނޫނީ ގޮތުން ލިބިފައިވާ ޙައްޤުތަކާއި، އުފުލަން ޖެހޭ އިލްތިޒާމްތަކާއި، ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ދަރަނި ހިއްސާގެ އޮނިގަނޑަށް ގެނައި ބަދަލާ އެއްގޮތަށް ބަދަލުވެގެންދާނެކަމަށެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޑެޓް އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާއިރު، އައިލެންޑް އޭވިއޭޝަނަކީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުންޏެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން މިބަދަލު ގެނައި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

މިބަދަލާ ގުޅިގެން ޕޯސްޓް ލިމިޑެޓް ހިންގަމުން ގެންދާނީ އައިލެންޑް އޭވިއޭޝަންގެ ބެލުމުގެ ދަށުންނެވެ.