ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައެއް ނުލާނަން- ނަތަންޔާހޫ





 


އިސްރާއީލުން ޣައްޒާއަށް ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް، މި ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.


 
އިސްރާއީލުގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެފަރާތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 113 މީހުން މަރުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ މަސްއޫލުވެރިން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.


 
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގެ 1000 އަމާޒަކަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށާ 2012 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންގައި ބޭނުން ކުރި ބާރަށް ވުރެ ދެގުނަ ބާރު އިސްރާއީލުން ބޭނުންކުރަމުންދާ ކަމަށެވެ.


 
ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލްއާ އެކު ވަރަށް ކާމިޔާބު ދެ ފޯނު ކޯލެއް ކުރިއަށް ގެންދެވި ކަމަށާ އެހެން ނަމަވެސް ބައިނަލްއަޤްވާމީ އެއްވެސް ފަރާތެއްގެ ބަހަށް އިސްރާއީލުން މިކަމުގައި ދޫ ނުދޭނެ ކަމަށެވެ.


 
 


އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުން އިސްރާއީލަށް ދެމުންދާ ރޮކެޓް ހަމަލާތަކުގެ ދިފާޢުގައި ކަމަށް ބުނެއެވެ.