ކުޅިވަރު

ކެޕްޓަން ކޭންގެ ލަނޑާއެކު ނައިޖީރިޔާގެ މައްޗަށް އިންގްލެންޑް ކުރި ހޯދައިފި


ކެޕްޓަން ހެރީކޭންގެ ލަނޑާއެކު ނައިޖީރިޔާގެ މައްޗަށް ކުރި ހޯދާ އިންގްލެންޑުން ވަރލްޑްކަޕްގެ ކުރިން އިތުބާރު ދަމަހައްޓައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވަރލްޑްކަޕަށް ތައްޔާރުވުމަށް ވެމްބްލީގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ނައިޖީރިޔާގެ މައްޗަށް އިންގްލެންޑް ކުރި ހޯދީ 2-1 ނެވެ. ފުރަތަމަ ލަނޑު ޖަހާ އިންގްލެންޑަށް ކުރި ހޯދައިދިނީ ޤައުމީ ޓީމަށް އެނބުރި އައި ޗެލްސީގެ ޑިފެންޑަރ ގެރީ ކެހިލްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖަހާ އިންގްލެންޑަށް ހަމަޖެހުން ގެނެސްދިނީ ކޭންއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޖެހި އަށްވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުނީ އިންގްލެންޑެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި އިވޯބީ ލަނޑު ޖަހާ ނައިޖީރިޔާއަށް ފަރަޤު ކުޑަކޮށްދިނެވެ.
މުބާރާތް ފެށުމުގެ ކުރިން އިންގްލެންޑް ކުޅޭ ރަހުމަތްތެރިކަމުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ.

ވަރލްޑްކަޕަށް ތައްޔާރުވުމަށް ސްވިޑުންއާއި ޑެންމާކް ރޭ ވާދަކުރި ރަހުމަތްތެރިކަމުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.