ޚަބަރު

އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާތަކެއް ދީފި


އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާއަށް އުދުވާނީ ހަމަލާތަކެއް ދީފިއެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން އަންގާރަ ދުވަހު ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ބޮޑުބަޑިން ޙަމަލާތަކެއް ދިންކަމަށާއި، އެއާއެކު އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ޣައްޒާގެ ވައިގެ ސަރަހައްދަށް ޤަވައިދާ ޚިލާފަށް ވަދެ އާންމުންނަށް ބިރު ދައްކާފައިވާކަމަށެވެ.

އިސްރާއީލުގެ ހަރުކަށި ވެރިން ވަނީ ޣައްޒާއަށް މިހާރަށްވުރެ ވަރުގަދަ އުދުވާނީ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. އަނެއްކޮޅުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ، އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޔަހޫދީ ވަޒަންވެރިންގެ އަވަށްތަކަށް އަންގާރަދުވަހު ރޮކެޓް ހަމަލާތަކެއް ދީފައެވެ.

ރޮކެޓް ޙަމަލާތަކުން ދިފާޢުވުމަށް އިސްރާއީލުން ޤާއިމުކޮށްފައިވާ އަޔަން ޑޯމް ނިޒާމުން އޭގެ ބައެއް ރޮކެޓްތަކަށް ހުރަސްއެޅިނަމަވެސް، ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ފޮނުވާލި ގިނަ ރޮކެޓްތައް އިސްރާއީލުގެ ޔަހޫދީ އަވަށްތަކަށް ވަނީ އަރާފައެވެ.