ޚަބަރު

ޤައިދީން ޕްރޮމޯޓް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން - ހޯމް މިނިސްޓްރީ


ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރަމުންދާ ޤައިދީން ޕްރޮމޯޓްކުރާ ސިޔާސީ ޕާޓީތަކާމެދު ފިޔަވަޅުއަޅާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީ ނެރުނު ނޫސްބަޔާނެއްގައިވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން، ޝަރުޢީ އެކި ކުށްތައް ސާބިތުވެ ޖަލުޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީން ޕްރޮމޯޓްކޮށް، ކުރިއަށްނެރެ ޝަޚްސު އޮޅޭގޮތަށް ހަރަކާތްތައް ހިންގަމުންދަކަމަށެވެ. މިހަރަކާތްތަކަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަދި ޝަރުޢީ ޙުކުމްތައް ތަންފީޒުކުރަމުންދާ ފަރާތްތަކާ ޙަވާލާދީ އެއްވެސް ވާހަކައެއް ޝާޢިއުކޮށް ޢާއްމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ޖަލުތަކާ ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާޙްގެ ދަށުން ޝަރުޢީ ޙުކުމެއް ތަންފީޛްކުރަމުންދާ ޤައިދީންނަށް ސިޔާސީ ޕާޓީތަކުގެ ޢާންމު މެންބަރަށް ވުމުގެ ޙައްޤު ލިބިދެއެވެ. އެހެން ނަމަވެސް ޤައިދީން، ޕާޓީތަކުގެ މަސްޢޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން ޤާނޫނު މަނާކުރެއެވެ.

އެގޮތުން ޤާނޫނު ނަމްބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވެއެވެ."

މިކަން ފާހަގަކޮށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވަނީ ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މަޢުލޫމާތެއް ހޯދައި، އެ މަޢުލޫމާތެއް ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔަތްތަޚާ ބެހޭ ޤަވާޢިދު) އާއި (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންބައްދަލުކުރުމާއި ފޯނުކުރުމާއި ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ޤަވާޢިދު(ގައިވާ ގޮތުގެމަތިންކަމަށެވެ.