ޚަބަރު

7 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފި


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 7 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފައިވާކަމަށް ޖެންޑަރ މިނސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މި ހަތް ކުދިންގެ ބެލެނިވެރިކަން ހަވާލުކޮށްފައިވަނީ އެކަމަށް އެދި ހުށައެޅި ފަރާތްތަކަށްކަމަށެވެ. ބެލެނިވެރިކަން ހަވާލުކުރި ކުދިންގެ ތެރޭގައި ހިމެނެނީ 3 އަހަރުން ދަށުގެ 2 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންކަމަށެވެ. މި ކުދިން ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ޕޮސްޓަރ ޕެނަލުގައި މަޝްވަރާކުރުމަށްފަހުކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ 20 ކުއްޖަކު އެކުދިންގެ އާއިލާތައް އެދިގެން އެ އާއިލާތަކާއިވެސް ހަވާލުކޮށް ފައިވާކަމަށެވެ. މިދިޔަ އަހަރު އެކުދިންގެ އާއިލާތަކާއި ހަވާލުކުރި މި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން އެއް އަހަރާއި އަށާރަ އަހަރާއި ދެމެދުގެ ކުދިންނެވެ. މި 20 ކުދިންގެ ތެރޭގައި ހިމެނެނީ 7 އަންހެންކުދިންނާއި 13 ފިރިހެންކުދިންނެވެ. މިކުދިން ޙަވާލުކުރުމުގެ ކުރިން ޢާއިލާތަކުގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ޚާއްސަ އެސެސްމެންޓެއް ހަދާފައިވާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ކުދިންނަށް އެންމެ ރަގަޅީ އާއިލާއެއްގެ ލޯތްބާއި އަޅައިލުމާއިއެކު ބޮޑުވުންކަމުގައިވާތީ ދަރުމައަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލުގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ދެމަފިރިންނަށް ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން ހަވާލުކުރަމުން އަންނަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޕޮސްޓަރ ޕެނަލަކީ ޖެންޑަރ މިނިސްޓްރީ އާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ޢައިލާއަކާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ޕޮސްޓަރކުރުމުގެ އުސޫލަށް ގެންނަންޖެހޭ އިސްލާހުތަކާއި މެދު މަޝްވަރާކޮށްފައިވާކަމަށާއި އުސޫލަށް ގެންނަންޖެޭ ބަދަލުތައް ކަނޑައަޅާފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.