ދީން

"ޔޫތް ސިޓީ ޤުރުއާން މުބާރާތް 1439" ގެ ނަތީޖާ ފާޅުކުރުން އަންނަ ހުކުރު ދުވަހު


ހުޅުމާލޭގެ ސްކޫލްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ޔޫތް ސިޓީ ޤުރުއާން މުބާރާތް 1439" ގެ ނަތީޖާ ފާޅުކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

"ޔޫތް ސިޓީ ޤުރުއާން މުބާރާތް 1439" އަކީ ހުޅުމާލޭގެ ސްކޫލްތަކުގެ ބައިވެރިވުމާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ހުޅުމާލޭގެ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލްގެ އިތުރުން ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭހެން ޖުމްލަ 51 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މިއީ ސްކޫލް ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުކުރުމުގެ މަޤްޞަދުގައި އެކުންފުނިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ހުރިހާ ބައިވެރިންގެ ކިޔެވުންވެސް މިހާރުވަނީ ނިމިފައެވެ. 2 ދުވަހުގެ މުއްދަތަކަށް ބޭއްވި މި މުބާރާތުގައި ކުރިއަށްގެންގޮސްފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒްކަމުގެ ބައެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމުގެ އިތުރުން، ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައިން އެންމެ މޮޅު ސްކޫލާއި، މުޅި މުބާރާތުންވެސް އެންމެ މޮޅު ސްކޫލް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.