ވިޔަފާރި

މ.މުލީ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީއިން އިޢުލާނުކޮށްފި





 


މ.މުލީ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް އެމަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން އިއުލާންކޮށްފިއެވެ.


 
މުލީގައި ސާޅީސް ހެކްޓަރުގެ ބިން ހިއްކުމަށް ސަތޭކަ ފަންސާސް ނުވަ މިލިޔަން ރުފިޔާއަށް ސަރުކާރުން އެމަސައްކަތް އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ މިދިޔަ މާރޗު މަހުގެ އެގާރަ ވަނަ ދުވަހުއެވެ. މުލީގައި ބިން ހިއްކުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ބަޔަކު ހޯދުމަށް އެމްޓީސީސީއިން މިހާރު އިއުލާންކޮށްފައިވާއިރު،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ ސާދައިގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ.


 
އެމްޓީސީސީން މަޢުލޫމާތުދެއްވާ ގޮތުގައި، މުލީގެ ބިންހިއްކުން އެހެން ބަޔަކާ ޙަވާލުކުރަން ނިންމީ، މިހާރު އެމްޓީސީސީން ބިން ހިއްކުމަށް ބޭނުންކުރާ ދެ ޑްރެޖަރުން ދެ ރަށެއްގެ ބިން ހިއްކަމުންދާތީ މުލީގެ ބިން ހިއްކުން އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައެވެ. އެމްޓީސީސީއާ މަސައްކަތް ހަވާލުކުރިތާ ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށާގޮތަށް ނިންމާފައި ވީނަމަވެސް، މަސައްކަތް ފެށިފައި ނުވާތީ މުލީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.