ކުރިޔަށް އޮތް ސައްވިސް ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ކުރިޔަށް އޮތް ސައްވީސް ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާ އަދި އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ދެކުނާއި ހުޅަނގު ދެކުނުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިޔަކު 13 މޭލާ ތޭވިސް މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި އެހެން ހިސާބުތަކަށް ގަޑިޔަކު 6 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެން ވާކަމެއްކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާންމު ގޮތެއްގައި ގަދަވާނެ ކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތައް އާދާއިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެެވެ. ކުރިޔަށް މިއޮތް ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.