ޚަބަރު

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތަކީ ދިގުދެމިގެންދާނެ ޞަދަޤާތެއް- މުފްތީ މެންކު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން" އަކީ ދިގުދެމިގެންދާނެ ޞަދަޤާތެއްކަމަށާ މި މުބާރާތުގެ ސަބަބުން ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުވެގެންދާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކު ވިދާޅުވެއްޖެއެވެ.

މުފްތީ މެންކު މިހެން ވިދާޅުވީ އައްނޫރުލް މުބީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށާއި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބޭއްވި ޖަލްސާގައި ދެއްވި ދަރުސްގައެވެ. މުފްތީ މެންކު ވަނީ މި މުބާރާތައް ތަޢުރީފް ކުރައްވާ، މިއީ މާތް ﷲގެ މަގުގައި ކުރެވޭ ދިގު ދެމިގެންވާ ޞަދަޤާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި މި މުބާރާތަކީ މީސްތަކުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށްދޭ މަގެއްކަން ފާހަގަކުރައްވާ މުފްތީ މެންކު ވިދާޅުވީ މިއީ ކީރިތި ޤުރުއާން ރައްކާތެރިކޮށް ދެމެހެއްޓުމަށްވެސް ހުޅުވިގެންދާ އިތުރު މަގެއް ކަމަށެވެ.

ކީރިތި ޤުރުއާނުގެ މާތްކަމުގެ މައްޗަށް މުފްތީ މެންކު ދެއްވި މި ދަރުސްގައި ވަނީ ކީރިތި ޤުރުއާނުގެ މާތްކަމާއި ޤުރުއާނުގެ ސަބަބުން މާއްދީގޮތުންނާއި ރޫހާނީގޮތުން ލިބޭ ފައިދާގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. މުފްތީ ވިދާޅުވީ ކޮންމެ މީހެއްގެވެސް ޝަޙްޞިއްޔަތުގައި މަޑުމޮޅިކަން އިޚްތިޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އަޙްލާޤުގައި ބޮޑާކަމާއި ހަރުކަށިކަން ހުންނަކަމުގައިވާނަމަ، އެއީ އެމީހަކު ކީރިރި ޤުރްއާނާއި ދުރުވެފައިވާ މިންވަރު އަންގައިދޭކަމެއްކަމަށެވެ.

މި ދަރުސްގައި މުފްތީ މެންކު ވަނީ، ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރުކަން ފާހަގަކުރައްވާ ހެޔޮ އަމަލުތައް ގިނަކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި މި ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ޤުރްޢާނުން އެއް އާޔަތް ކިޔަވާ، ދަސްކުރުމަށް މުތްފީ މެންކު ވަނީ ނަސޭހައްތެރިވެ ވަޑައިގެންފައެވެ.

މިއީ ދިވެހި ސަރުކާރުގެ ދައުވަތައް މުފްތީ މެންކް ރާއްޖެއަށް ޒިޔާރަތްކުރެއްވި 3 ވަނަ ފަހަރެވެ. މި ޒިޔާރަތުގައި އައްޑޫ ސިޓީގައިވެސް މުފްތީ މެންކް ވަނީ ދަރުސް ދެއްވާފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ސަރުކާރުން ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން ބޭރުގެ ބައެއް އިލްމުވެރިން ރާއްޖެ ގެންނަވައި ދީނީ ދަރުސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ބާއްވަމުންނެވެ.