ޚަބަރު

"ޞަލާޙުއްދީން އައްޔޫބީ"ގެ ހަޔާތްޕުޅުގެ މައްޗަށް ކުޅެފައިވާ ޓީވީ ސީރީސް މިރޭ ޓީވީއެމުން ދައްކަން ފަށަނީ


ޙިޖުރައިން 6 ވަނަ ޤަރުނުގެ ތެރޭގައި މުސްލިމުންގެ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވި "ޞަލާޙުއްދީން އައްޔޫބީ"ގެ ހަޔާތްޕުޅުގެ މައްޗަށް ކުޅެފައިވާ ޓީވީ ސީރީސް މިރޭ ޓީ.ވީ.އެމުން ދައްކަން ފަށާނެއެވެ.

މި ސީރީސްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 23:30 ގައެވެ. ދިވެހި ބަހުން ތަރުޖަމާކޮށްގެން ގެނެސްދޭ "ޞަލާޙުއްދީން އައްޔޫބީ" އެޕިސޯޑްތައް ހަފްތާއަކު 2 ރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރެއާއި، ހޮނިހިރު ދުވަހުގެ ރެއެވެ.

"ޞަލާޙުއްދީނުލް އައްޔޫބީ" ސީރީސްއަކީ ހިޖުރައިން 6 ވަނަ ޤަރުނުގައި ޞަލީބީ ހަނގުރާމަތަކުގެ މަސްރަހެއްކަމުގައިވި ޝާމްކަރައާއި މިޞްރުގައި ހިނގާދިޔަ ސިޔާސީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަޝްހޫރު ސީރީސްއެކެވެ. މި ސީރީސްގައި މަޝްހޫރު ޤާއިދު ޞަލާޙުއްދީނުލް އައްޔޫބީގެ ހަޔާތްޕުޅުގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ދައްކުވައިދޭނެއެވެ. ޞަލާޙުއްދީނަކީ ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވަންދެން ޤުދުސް ޞަލީބީންގެ އަތްދަށުގައި ވަނިކޮށް، މުސްލިމުންގެ ސަފުތައް އެއްބައި ކުރުވާ، މަޝްހޫރު ޙިއްޠީން ހަނގުރާމައިގައި އެމީހުން ބަލިކޮށް، އެމީހުންގެ ބާރުގެ ދަށުން ޤުދުސް މިނިވަންކުރެއްވި ބަޠަލެވެ.

30 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީސް ފެށިގެން އަންނަނީ ޞަލާޙުއްދީން އުފަންވެވަޑައިގަތުމާއި ހިސާބުންނެވެ. އެއަށްފަހު، އޭގެ ފަހުގެ ދުވަސްތަކުގައި ކަންތައްވަމުން ދިޔަ ގޮތް ދައްކައި، އެ ޒަމާނުގައި ހިނގާދިޔަ މުހިއްމު ހާދިސާތައް ވަރަށް ރީތިކޮށް، ގުޅިގެންދާގޮތަށް މި ސީރީސްގައި ދައްކުވައިދޭނެއެވެ.

ސަޢުދީ އަރައްބިއްޔާގެ މިޑިލް އީސްޓް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ހިންގާ "އެމް.ބީ.ސީ 1" ޗެނަލުން 2001 ވަނަ ދައްކާފައިވާ މި ސީރީސް އުފައްދާފައިވަނީ ސޫރިޔާގެ މަޝްހޫރު ޑައިރެކްޓަރ ޙާޠިމް ޢަލީއެވެ. އަދި މި ސީރީސްގައި ޞަލާޙުއްދީން އައްޔޫބީގެ ރޯލު ކުޅެފައިވަނީ ސޫރިޔާގެ މަޝްހޫރު މުމައްސިލެއްކަމުގައިވާ ޖަމާލް ސުލްޠާނެވެ.