ޚަބަރު

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް


މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު މިކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝެއިޙް އިބްރާޙިމް އަޙްމަދުއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ޤަރާރު އިއްވަވަމުން ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އަޙްމަދު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ޤައުމުތަކަށް ފެންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި ރަމަޟާން މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިއަދު 16:48 ގައެވެ. ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދުފެންނާނެ ކަމަށް ލަފާކޮށްފައިވިޔަސް ބައެއް ޤައުމުތަކަށް ހަނދު ނުފެންނާތީ އެޤައުމުތަކުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހެވެ.

ރާއްޖެއަށް ހަނދުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ޔަޤީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ޢިއުލާން ކުރުމުގެ ގޮތުން ސިފައިންވަނީ ބަޑިޖަހާފައެވެ. މިއަހަރުގެ ރަމަޟާން މަހުވެސް އިޙްޔާކުރުމުގެ ޕްރޮގްރާމާއި ދީނީ ޚާއްޞާ ޕްރޮގްރާމްތައް ހިންގަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.