ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 29.7 ބިލިއަން ރުފިޔާއަށް އަރާކަމަށް ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްލަވަމުން ކޮމިޝަންގެ ޗެއަރ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާ ޅުވީ ކޮމިޝަނުން މިހާތަނަށް ބަލާ ނިމުނު މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށެވެ. އަދި އެ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 25 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށްވެސް އަޒްލީން އަހުމަދު ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް ނިންމާ މަދަނީ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށާއި ޖިނާއީ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވިއެވެ. އަދި މީގެތެރެއިން ބައެއް މައްސަލަތައް ކޯޓަށް ފޮނުވާފައިވާކަމަށްވެސް އަޒްލީން އަހުމަދު ވިދާޅުވިއެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަޢް ބަލަމުންދަނީ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެންކަމަށާއި ބަލަމުންދާ މައްސަލައެއްގައި ކޮމިޝަނުން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފައްހައްޓާފައި ނުވާނެކަމަށްވެސް ކޮމިޝަންގެ ޗެއަރ އަޒްލީން އަހުމަދު ވިދާޅުވިއެވެ.
ރިކަވަރީ ކޮމީޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގައި ތެރޭގައި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ އެއަރ މޯލްޑިވްސްގެ މައްސަލައާއި އެޕްޕީއައިޑީގެ މައްސަލައާއި އެމްއެމްޕީއާރސީގެ މައްސަލަވެސް ހިމެނެއެވެ.
ދައުލަތަށް ގެއްލުންވެފައިވާ ނުވަތަ ހިޔާނަތްތެރިވެފައިވާ ފައިސާ އަންބުރާ ދައުލަތަށް ހޯދުމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީގެ ނަމުގައި މި ކޮމިޝަން އުފައްދާފައިވަނީ 20 ޖުލައި 2017ގައެވެ. އަދި ކޮމިޝަންގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ޗެއަރ އަޒްލީން އަހުމަދު ވިދާޅުވީ ކޮމިޝަންގެ މުއްދަތު އަންނަ ނޮވެމްބަރ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
ކޮމިޝަންގައި ހިމެނޭ މެންބަރުންނަކީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒާއި ގާނޫނީ ވަކީލް ހަދީޖާ ހުސެން އާއި ޑރ. އިބްރާހިމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމްއެވެ.
ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި އޮޑިޓަރ ޖެނަރަލް އޮފީހާއި އެންޓިކަރޮޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެން ޖެހޭ ފައިސާއާ ބެހޭ މައުލޫމާތާއި ލިޔެކިޔުންތައް ކަމާ ބެހޭ މުއްސަސާތަކުންނާއި އެހެނިހެން ފަރާތްތަކުން ބަލައި ހޯދައި ގެނައުމުގެ ފުރިހަމަ އިހްތިޔާރާއި ބާރާއި އަދި އެކަން ކުރުމަށްޓަކައި އެ މުއްސަސާތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު ލިބިދީފައިވެއެވެ.