މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ސާބިތު ކުރުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ ނުވައެއްޖަހާއިރު އިސްލާމީ މަރުކަޒްގައިކަމަށެވެ. އަދި މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް ރާއްޖޭގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ޢިއުލާން ކުރާނެކަމަށެވެ.
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މި މަހުގެ 16 ވާ ބުދަ ދުވަހެވެ. މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެނަމަ މާދަމާގެ އިތުރުން ބްރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން ޓީވީއެމްއާއި ޕީއެސްއެމް ނިއުސްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.