ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާކިޔުމުގެ ގޮތުން ހުޅުމާލޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މާހެފުމެއް ބާއްވައިފިއެވެ.
ހުޅުމާލޭގައި ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ. މި މާހެފުމުގައި މަޑަވެލި ދާއިރަގެ މަޖިލީސް މެންބަރު މުއާޒް މުޙައްމަދު ރަޝީދާއި ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީންއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޑީއެމްޑީ އަޙްމަދު ބުންޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ހުޅުމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޒުވާނުން މިމާހެފުމުގައި ބައިވެރިވެފައިވެއެވެ. ދިވެހި އެކި ބާވަތްތަކުގެ ކެއުންތަކާއެކު ބޭއްވި މި މާހެފުމުގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީގެ ފޯރިގަދަ ގިނަ ހުށައެޅުންތަކެއް ވަނީ ހުށައަޅާދީފިއެވެ.