ޚަބަރު

ޓެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަޢުދު ފުއްދެވުމަށް އެ ޤައުމުން އިސްރާއީލުގައި ޤާއިމުކޮށްފައިވާ އެމްބަސީ ޤުދުޞަށް ބަދަލުކޮށްފިއެވެ. މުސްލިމުންގެ މުޤައްދަސް ބިމެއް ކަމަށްވާ ޤުދުސަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާ އާއި އިސްރާއީލުގެ މަތީ ފަންތީގެ ވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

އެމެރިކާގެ އެމްބަސީ ތެލްއަވީވުން ގުދުސަށް ބަދަލުކޮށްފައިވަނީ ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ޤަބޫލުކުރާކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްބަސީ ބަދަލުކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އޭނާގެ ބަދަލު ރަސްމިއްޔާތަށް ވަޑައިގެންފައިވަނީ އޭނާގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާ އޭނާގެ ފިރުކަލުން ޖަރެޑް ކުޝްނަރއެވެ.

އެމެރިކާ އާއި އިސްރާއީލުގެ ހީލަތްތެރި ރޭވުމާ އަނިޔާވެރި ނިންމުންތަކާ ދެކޮޅަށް ފަލަސްޠީނުގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށައިފައެވެ. އެ ގޮތުން ޕަލަސްޠީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން ޕީ.އެލް.އޯ.ގެ ގޮވާލުމަށް އިޖާބަދީ ފަލަސްޠީނުގެ އެތައް ހާސް މީހުން ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީ ސިފައިން ދިން ރަހުމުކުޑަ ޙަމަލާތަކުގައި މިހާތަނަށް ފަންސާހެއްހާ މީހުން ވަނީ މަރުވެފައެވެ.

ފަލަސްޠީނުން ބޭނުންވަނީ މުސްތަޤުބަލުގައި އުފެދޭ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ ޤުދުސްކަމުގައި ކަނޑައެޅުމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުއާހަދާތަކާ ޤާނޫނުތަކާ ޤަރާރުތަކާ ދެކޮޅަށް އިސްރާއީލުން ވަނީ ގުދުސް އިސްތިއުމާރުކޮށްފައެވެ.