ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަޙްމަދު ޝިފާޢު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި، ރައީސްކަމުގެ މަޤާމަށް، ގދ.ފަރެސްމާތޮޑާ، ރޭއަލިވާގެ އަޙްމަދު ޝިފާޢު ޢައްޔަންކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢައްޔަނުކުރާ ފުލްޓައިމް މެންބަރެއްގެ ގޮތުގައާއި މި ޤާނޫނުގެ 86 މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަޙްމަދު ޝިފާޢު ޢައްޔަން ކުރެއްވިކަމުގެ ލިޔުން އޭނާއާއި ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، އަޙްމަދު ޝިފާޢު ވަނީ ކުރައްވާފައެވެ.