ވިޔަފާރި

ހާއްސަ އިގްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމުގެ ބިލް ހުށައަޅައިފި





 


އިގްތިޞާދީ ޚާއްސަ ސަރަހައްދު ތަކެއް ތަރައްގީކުރުމަށް ސަރުކާރުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ދުނިޔޭގެ އެހެން ގައުމު ތަކުގެ ތަޖުރިބާއަށް ބަލައިގެން އެތަންތަން ތަރައްގީކޮށްފައި ހުރިގޮތް ބަލައިގެން ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ބިލެއްކަމަށް ބިލް މަޖިލީހަށް ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.


 
ބިލް މަޖިލީހަށް ތަޢާރަފްކުރައްވަމުން ނިހާން ވިދާޅުވީ، ހާއްސަ އިގްތިޞާދީ ސަރަހައްދުތައް ހަދާއިރު ދިމާވާނެ ގޮންޖެހުންތަކާއި ކުރިމަތިވާނެ މައްސަލަތަކާއި، އެކަންކަން ހައްލުކުރާނެ ގޮތް އެބިލްގައި ހިމަނުއްވާފައިވާކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެ ފަރާތަކަށް ހާއްސަ އިގްތިޞާދީ ސަރަހައްދެއް ތަރައްގީ ކުރުމަށްވެސް މިބިލްގެ ދަށުން ފުރުސަތު ނުދެވޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި މިބިލަށް އިސްލާހުތަކެއް ގެންނަން ބޭނުންވާނަމަ ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ރަގަޅު ހެޔޮ ބަދަލުތަކެއް ގެނައުމަށް އެދިވަޑައިގަންނަވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.


 
ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އެބިލަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެބޭފުޅުން ވިދާޅުވީ، މި ބިލަކީ އޭގެ ޒާތުގައި މުހިއްމު ބިލެއްނަމަވެސް، އިގްތިޞާދީ ހަތަރު ސަރަހައްދެއް އެއް ފަހަރާ ތަރައްގީކުރަން ފަށާއިރު، އެއީ ރާއްޖެ ކަހަލަ ގައުމަކަށް ގިނަ އަދަދެއް ކަމަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލްގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނަމަ ބޭނުންފުޅުކަމެއް ކުރެއްވުމަށް ބާރުތަކެއް ދީފައިވާކަމަށާއި، އެބާރުތައް ކުޑަކުރަންޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.