ޚަބަރު

މި ސަރަޙައްދުގައި ވާދަކުރެވޭވަރުގެ ކްރިކެޓް ޓީމެއް އުފައްދަވައިދެއްވުމަށް ރައީސް އެދިވަޑައިގެންފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާޙް، އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައި.ސީ.ސީ. ގެ ބޯޑުން އޭޝިއާ ބައްރަށް ކަނޑައަޅުއްވާ މެންބަރުކަމަށް ހޮވިވަޑައިގެންނެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މުހައްމަދު އަފްލާޙާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އައި.ސީ.ސީ.ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރުވެސް ވަރަށް ފުރިހަމަ ނަތީޖާއަކުން އިންތިޚާބު ކާމިޔާބުކުރެއްވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި މިކާމިޔާބު ލިބިވަޑައިގެންނެވީ މުޙައްމަދު އަފްލާޙުގެ ތަޖުރިބާއިންނާއި މަސައްކަތްޕުޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ފުޓުބޯޅައިގެ ރޮގުން ދިވެހިރާއްޖެ މި ރީޖަންގައި ވިދާލާފައިވާ މިންވަރަށް ނޫނީ އެއަށްވުރެ ބޮޑު ކާމިޔާބަކާ ހަމައަށް ކްރިކެޓް ގެންގޮސްދެއްވުމަށް އަފްލާޙުގެ އަރިހުން އެދިވަޑައިގެންފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ކްރިކެޓަށް ޒުވާނުން ތަމްރީނުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސައުތް އޭޝިއާއަކީ ކްރިކެޓް ކުޅުމަށް ފޯރިހުންނަ ވަރުގަދަ ޓީމުތަކެއް ހިމެނޭ ރީޖަނެއްކަން ފާހަގަކުރައްވަމުން ދިވެހިރާއްޖެއިންވެސް މި ރީޖަންގައި ވާދަކުރެވޭވަރުގެ ކްރިކެޓް ޓީމެއް އުފައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް މެދުވެރިކޮށް ކްރިކެޓްގެ ރޮނގުން ރާއްޖެއަށް ގެނެވެންހުރި ތަރައްޤީތައް ގެނެސްދިނުމަށާއި، މި ރޮނގުން ސްކޮލަރޝިޕްތައް ހޯދައިދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިކަމުގައި ސަރުކާރުގެ ފަރާތުން އެހީތެރިކަން ވެދެއްވެންހުރި ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި ޚާއްޞަގޮތެއްގައި ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދެއްވުމުގައި އެހީތެރިވެދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކުޅިވަރުގެ ކަންކަމުގައި ބަހައްޓަވާ ގާތްކަމަށާއި ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައި.ސީ.ސީ. ގެ ބޯޑުން އޭޝިއާ ބައްރަށް ކަނޑައަޅުއްވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށާއި މި ރީޖަނަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި މުޙައްމަދު އަފްލާޙު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.