ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓްގެ އަގުތައް ކުރީ އަހަރަށް ވުރެ ނިސްބަތުން ބޮޑުވެއްޖެ





 


ރަމަޟާން މަސް މިއަދު ފެށުނު އިރު ދަތުރުވެރިންގެ މާރުކޭޓްގައި ހުރި ތަރުކާރީއާއި މޭވާގެ އަގުވަނީ ކުރީ އަހަރުގެ ރޯދަމަހު އެތަކެތި ހުރި ނިސްބަތަށްވުރެ ބޮޑުވެފައެވެ.


 
މާރުކޭޓްގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނީ ކުރިއަށް އޮތްތަނުގައި ބާޒާރުގައި ތަކެތި ގިނަވެ އެތަކެތީގެ އަގު ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަކީ ބާޒާރުގައި ތަކެތި ތިޔާގިވެ އަދި ހަމައެހެންމެ ތަކެތީގެ އަގު އުފުލެމުން އަންނަ މަހެކެވެ. ރޯދަމަހަށް ޙާއްސަކޮށް ތައްޔާރީތައް ވާ އެއްބަޔަކީ ދިވެހި ދަނޑުވެރިންނެވެ. މިއަދު ބާޒާރުގައި ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ގިނަ ނަމަވެސް އަގު ބޮޑުކަން ބާޒާރުކުރަން ދިޔަ މީހުން ފާހަގަކުރިއެވެ.


 
މިއަދު ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ 15 ރުފިޔާއާއި 18 ރުފިޔާއަށެވެ. އަލަނާސި ކަރާ ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުރި އިރު، ފަޅޯ ކިލޯއެއް ލިބެނީ 20 ރުފިޔާއަށެވެ. މެލަން ކިލޯއެއް 40 ރުފިޔާއަށް ލިބޭއިރު ކުރުނބަލެއް އުޅެނީ 10 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ގިތެޔޮމިރުހުގެ 100 ގްރާމް 45 ރުފިޔާއަށް ލިބެން ހުރި އިރު ކިއުކަންބާ އަދި ބަށި ކިލޯއެއް ލިބެނީ 35 ރުފިޔާއަށެވެ. މިއަދު މާރުކޭޓްގައި ކޮޕީފަތް ލިބެން ހުރި ނިސްބަތް މަދު އިރު ކޮޕީފަތުގެ އަގުވެސް ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.


 
އެގޮތުން މިއަދު ކޮޕީފަތެއް ލިބެނީ 5 ރުފިޔާއަށެވެ. ނަމަވެސް ލެޓިއުސްގެ އަގު އުޅެނީ 30 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ. އަދި ކުއްޅަ ފިލާފަތުގެ ބޮޑިއެއް ލިބެނީ 6 ރުފިޔާއާއި 10 ރުފިޔާއަށެވެ. ރޯދައަށް ބާޒާރަށް އެންމެ ގިނައިން ތަރުކާރީއާއި މޭވޭ އެތެރެކުރާ ތޮއްޑޫއިން ކޮންމެ ދުވަހަކު 800 ކިލޯއާއި އެއްޓަނާއި ދެމެދު ގެ އަދަދަކަށް ތަރުކާރީއާއި މެވޭ އެތެރެކުރާ ކަމަށް ތޮއްޑޫ ކައުންސިލުންބުނެއެވެ.


 
 


މިފަހަރު ކަރާ ހެއްދުމަށް ތޮއްޑޫއިން 132 ދަނޑު ތޮއްޑޫ ރައްޔިތުންނަށް ދޫކޮށްފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ. މިއަދު މަސްމާރުކޭޓްގެ އަގުތަކަށް ބަލާއިރު ކަނޑުމަސް މާރުކޭޓްގައި ތިޔާގިކަން ފާހަގަކުރެވެއެވެ. އެކި ސައިޒްގެ ކަނޑުމަސް އެކި އަގުގައި ހުރި އިރު މައިގަނޑު ގޮތެއްގައި އަގު ހުރީ 50 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ ތެރޭގައި ފިނި ކުރި މަހާއި ތާޒާމަސްވެސް ހިމެނެއެވެ. މާރުކޭޓްގައި މިއަދު ފަރުމަސް ހުރި ނިސްބަތް މަދު އިރު ރަތްމަހެއް ލިބެނީ 500 ރުފިޔާއާއި 600 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.