ލުއިޒް އެޑުއާޑޯގެ ހެޓްރިކާއެކު ވެލެންސިޔާ ބަލިކޮށް ކްލަބް އީގަލްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އެސް.ޓީ.އޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިޔާ ބައްދަލުކުރި މިމެޗު އީގަލްސް ކާމިޔާބުކުރީ 6-1ންނެވެ.
މެޗަގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް އީގަލްސްއެވެ. މި ލަނޑު ފުރަތަމަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދެވެ. ކްލަބް އީގަލްސްއިން ފުރަތަމަ ހާފުގައި ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މިދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާނެވެ.
ލުއިޒް އެޑްވާޑޯ މެޗުގައި ހެޓްރިކް ހެދީ ދެވަނަ ހާފުގައި އީގަލްސްއިން ޖެހި ތިން ލަނޑު ކާމިޔާބުކޮށްގެންނެވެ.
ކްލަބް ވެލެންސިޔާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ވަލޭރީއެވެ.
މެޗަށްފަހު ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގައި ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމުގައެވެ. އަދި ބައިކޮޅަށް ވަތް ލަނޑު މެނުވީ ދެން މުޅިންވެސް ފެނުނީ ބޭނުންވި ކަންތައްތަށް ކަމަށެވެ. އަދި ގަދަ ހައަކަށް އެރުމަށް ކުރަމުންދިޔަ މަސައްކަތަށް މިއަދުގެ މޮޅާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
"މެޗުގައި ހުރިހާ ކަމެއް ރަނގަޅު، ކުޅުންވެސް ވަރަށް ރަނގަޅު، ހަމައެކަނި ބައިކޮޅަށް ވަތް ގޯލު މައްސަލައަކީ، ޖުމްލަކޮށް މެޗުގައި އީގަލްސްއިން ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ" މޯހަން ބުންޏެވެ.
ކްލަބް ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ ކޮންމެ މެޗަކަށްވެސް ނިކުންނަނީ އެ މެޗަށް ގިނަ މަސައްކަތް ތަކެއް ކޮށް މެޗުން މޮޅުވުމުގެ އުއްމީދުގައި ކަމަށެވެ. އެހެންނަމަވެސް މެޗުތެރެއިން އެކަން ނުފެންނަ ކަމަށެވެ. އަދި މިއަދުވެސް ފެނިގެންދިޔައީ ވަރަށް ފަސޭހަ ލަނޑެއް ބައިކޮޅަށް ވަތް މަންޒަރު ކަމުގައި ލަތީފް ބުންޏެވެ.
"ވަރަށް ބޮޑަށް ތައްޔާރުވެގެން ކޮންމެ މެޗަކަށްވެސް މިނިކުންނަނީ އެކަމަކު އަދިވެސް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދެއްކޭ ތަނެއް ނުފެނޭ." ލައްޗޭ ބުންޏެވެ.