ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ޑރ.މަހާތީރު އަލުން އިންތިޚާބުވުމާ ގުޅިގެން ރައީސް މަރުޙަބާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ.މަހާތީރު ބިން މުޙައްމަދު، އެޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މެލޭޝިޔާގެ 14 ވަނަ އާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއާ ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޑޮކްޓަރ މަހާތީރު ބިން މުޙައްމަދަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ޑޮކްޓަރ މަހާތީރަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ޤައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނު އެޤައުމު ތަރައްޤީގެ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން މެލޭޝިޔާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ރަޙުމަތްތެރި ޤައުމެއްކަމާއި ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމަށް އަދި ދެޤައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް އެއްބާރުލެއްވުންދެއްވައި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.