އަންނަ ސެޕްޓެމްބަރު މަހު ބަނގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ކުރިން އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން ޕާކިސްތާނުން ނިންމައިފިއެވެ.
އެ ގައުމުން ބުނީ ގަލްފްގެ ގައުމުތަކާއެކު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ އޮގަސްޓް މަހު ބާއްވާ އޭޝިއަން ގޭމްސް އަށް ވެސް ތައްޔާރުވުމަށް ކުޅޭ މެޗުތަކެއް ކަމަށެވެ. އަދި މި މެޗުތަކަށް ގައުމުން ބޭރުގައި ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިން ގައުމަށް ގެނައުމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ކުޅެމުން އަންނަ ޕާކިސްތާނުގެ ކުޅުންތެރިއަކީ ކީޕަރު ސާގިބް ހަނީފެވެ.
ސާފް ޗެމްޕިއަންޝިޕައަށް ތައްޔާރުވުމަށް ޕާކިސްތާނުން ގައުމީ ކޯޗުކަން ދީފައިވަނީ ބްރެޒިލްގެ ކޯޗު ހޯސޭ އެންޓޯނިއޯ ނަގުއިރޭ އަށެވެ.
މުބާރާތުގައި ޕާކިސްތާން އޮތީ ބަނގްލަދޭޝް އާއި ބޫޓާން އަދި ނޭޕާލާއެކު ގްރޫޕް އޭގައެވެ.