ރާއްޖޭއިން ބޭރުގެ އެތްލީޓުންނަށް ހުޅުމާލޭގައި އަޅާފައިވާ ޓްރެކްގައި ތަމްރީން ހެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 
ދާދީ ފަހުން ލޯންގް ޖަމްޕުގެ ދުނިޔޭގެ ޗެމްޕިއަންހޯދާފައިވާ ސާބިއާގެ އިވާނާ ސްޕަނޯވިޗްވަނީ ހުޅުމާލޭގައި އަޅާފައިވާ ޓްރެކްގައި ތަމްރީންކޮށްފައެވެ. ރެޑްބުލްގެ އެތްލީޓްވަނީ ރާއްޖޭގައި ހަފްތާއެއްގެ ތަމްރީންތައް ފުރިހަމަކޮށްފައެވެ.
މިކަމަށް އިޝާރާތްކޮށް ޕީއެސްއެމް ސްޕޯޓްސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓާރ އިރުތިޝާމް އާދަމް ވިދާޅުވީ ހުޅުމާލޭގައި އަޅާފައިވާ ޓްރެކަކީ ހަމައެކަނި ދިވެހިން ތަމްރީން ކުރަން އަޅާފައިވާ ޓްރެކެއް ނޫންކަމަށާއި މިނިސްޓްރީން ބޭނުންވަނީ ދުނިޔޭގެ އެންމެ މަތީފަންތީގެ އެތްލީޓުން މިޓްރެކްގައި ތަމްރީން ކުރަންކަމަށެވެ. 
އެތްލެޓިކްސް ޓްރެކަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ވަރަށް ބޭނުންތެރި ވަސީލަތެއްކަމަށާއި މިޓްރެކް ހަމައެކަނި ބޭނުން ކުރާނީ ދުވާ މީހުން ނޫންކަމަށާއި އެހެން ކުޅިވަރުގެ ކުޅުންތެރިންނާއި އާންމު ފަރާތްތަކަށްވެސް މިޓްރެކް ބޭނުން ކުރެވޭނެކަމަށް މިނިސްޓާރ އިރުތިޝާމް ވިދާޅުވިއެވެ. މިނިސްޓާރ ވިދާޅުވީ އެންމެ ބޭނުންވަނީ ރާއްޖޭގެ އެތްލީޓުން މިޓްރެކްގައި ތަމްރީންކޮށް ރަން މެޑަލް ހޯދާ ދުވަސްކަމަށް ފެނުންކަމަށެވެ. 
"ހުޅުމާލޭ ޓްރެކްގައި ބައިނަލްއަގްވާމީ އެތްލީޓުން ތަމްރީން ހެދުމަކީ އަޅުގަނޑުމެން ބޭނުންވާކަމެއް، ހުރިހާ އެންމެންނަށްވެސް އެ ފުރުސަތު އެބައޮތް، އެތްލީޓުންނާއި، އެސޯސިއޭޝަނަށް ބޭނުންވާ އެއްބާރުލުން މިނިސްޓްރީން ދޭނަން" މިނިސްޓަރ ވިދާޅުވިއެވެ. 
އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ ރާއްޖޭގެ އެތްލީތުން ތަމްރީން ކުރުމަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި އެންމެ ފަހުން ރާއްޖެއައި ސާބިއާގެ އިވާނާ ސްޕަނޯވިޗްވެސް ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި މި ޓްރެކާއި މެދު ހިތްހަމަޖެހުން ފާޅުކުރިކަމަށެވެ. އަދި އެސޯސިއޭޝަންއިންވެސް މިޓްރެކް އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ތޮލާލް ވިދާޅުވިއެވެ.