ޚަބަރު

ވަރުގަދަ ޒެނިތު ބަލިކޮށް ޓީމް ފްރެންޑްސް ސެމީ ފައިނަލަށް


ޔޫތް ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ޓީމް ފްރެންޑްސް އަދި އުރީދޫ ޖާގަ ހޯދައިފިއެވެ.

މި ދެޓީމު ސެމީ އަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓަރ ފައިނަލުގެ މެޗުތަށް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ޓީމް ފްރެންޑްސް ސެމީ ފައިނަލުން ޖާގައެއް ހޯދީ ޒެނީތާއި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެކެއް އެކަކުން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުން ކުރިހޯދައިގެންނެވެ.

ޓީމް އުރީދޫ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރީ އަށް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ޓީމް ފިސާރި ބަލިކުރުމަށްފަހުގައެވެ. މި މެޗުގައި މަރިޔަމް ޒުހުދާ އަދި އަރުޝީ މުހައްމަދު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އުރީދޫގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އައިޝަތު އީމާން އަހުމަދު އަދި މަރިޔަމް ޝަފާ ޝަފީގެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ކުއާޓަރ ފައިނަލްގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ.

މީގެ އިތުރުން ރޭ ވަނީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިން ވަނަ ބުރުގެ ފަހު މެޗުތަށްވެސް ކުޅެފައެވެ. އެގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕަންކް ހޫލިގަންސް އާއި ޑީސީޖޭއެވެ. މި މެޗު ފަސް ލަނޑު ހަތަރު ލަނޑު ކާމިޔާބުކުރީ ޑީ.ސީ.ޖޭ އިންނެވެ.

ބަޖިޔާ އާއި ޕާރކް ޓީމު ބައްދަލުކުރި މެޗު ސާދަ ލަނޑު ތޭރަ ލަނޑުން މެޗު ކާމިޔާބުކުރީ ބަޖިޔާ ޓީމުންނެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ ބުރުގެ ފަހު މެޗު ތިމަރަފުށި ޔޫތް ޕްލެޔާރޒް ޓީމުން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުން ޔޫތް ރިވޮލިއުޝަން ކްލަބް ބަލިކޮށްގެންނެވެ.