ޚަބަރު

ހީކުރި ވަރަށްވުރެ ގިނަ ހުށަހެޅުންތައް ލިބިއްޖެ - ވެންގާ


22 އަހަރަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމުން މި ސީޒަން ނިމުމުން ވަކިވާން ނިންމާފައިވާ އާސެން ވެންގާ އަށް އޭނާ ހީކުރި ވަރަށްވުރެ މާގިނަ ވަޒީފާގެ ފުރުސަތު ހުށަހަޅައިފާ ކަމަށް އޭނާ ބުނެފިއެވެ.

ތަޖުރިބާކާރު ކޯޗު ބުނީ މި ހުށަހެޅުންތަކުގެ ތަފްސީލު ދޭން އޭނާ މިވަގުތު ބޭނުން ނުވާ ކަމަށާއި ބޮޑެތި ކުލަބުތަކުން ވެސް އޭނާ އަށް ކޯޗެއްގެ ވަޒީފާ ހުށަހަޅާފައިވާ ކަމަށެވެ. ވެންގާ ބުނީ އޭނާ އަބަދުވެސް ހުންނާނީ އާސެނަލްގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި އޭނާ އަށް އާސެނަލް އަށްވުރެ ވަކި ހާއްސަ ކުލަބެއް ނޯންނާނެ ކަމަށެވެ.

ވެންގާ ބުނީ އާސެނަލްގެ ކޯޗުކަން ދޫކޮށްލި ނަމަވެސް އޭނާ ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށާއި އޭނާގެ ސިކުނޑި އާއި ހަށިގަނޑު އެކަމަށް ތަންދޭ ކަމަށެވެ. ނަމަވެސް މިވަގުތު އޭނާ ދެން އަދާކުރާނީ ކޮންކަހަލަ ވަޒީފާއެއްކަން ބުނެދޭން ދަތި ކަމަށެވެ.

ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ކޯޗެއްގެ ގޮތުން ވެންގާ ފެނުން އެކަށީގެންވެއެވެ. ވެންގާ ވެސް ވަނީ އަމިއްލަ ގައުމަށް ކޯޗުކޮށްދިނުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައެވެ. އެކަމަކު އޭނާ އަށް ކޯޗުކަން ލިބޭނީ ފްރާންސް ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ނުހޯދިއްޖަނަމަ ނުވަތަ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯން އިސްތިއުފާ ދީފިނަމައެވެ.

ވެންގާ ގެންދިއުމަށް ފްރާންސްގެ ޕީއެސްޖީން މަސައްކަތް ކުރާ ކަމަށް ގިނަ މީޑިޔާތަކުން ލަފާކުރެއެވެ. އާސެނަލްގެ ކޯޗުކަން ދޫކޮށްލަން އޭނާ ނިންމީ ފަހަކަށް އައިސް ކުލަބަށް ކާމިޔާބު ނުލިބޭތީވެ ކުރީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް އޭނާއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުންނެވެ.