ޚަބަރު

ޕެނަލްޓީގައި ޖޭޖޭ ބަލިކޮށް ދަ ގޭންގް ޗެމްޕިއަންކަން ހޯދައިފި


ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދައި އަންނަ އަހަރުގެ މާލޭ ލީގުން ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބުން ހޯދާއިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި ޖޭޖޭ ސްޕޯޓްސް އިން ގޯލާ އަމާޒުކޮށް ފޮނުވާލީ ގިނަ ބޯޅަތަކެއް ދަ ގޭންގް ގެ ގޯލް ކީޕަރ އިޔާން ވަނީ ދިފާއުކޮށްފައެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރުގެ މަގާމުވެސް ހޯދާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާތީވެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޖޭޖޭ ސްޕޯޓްސް ކްލަބުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ދެ ޕެނަލްޓީއެއް ދަ ގޭންގް ގެ ކީޕަރ އިޔާން ދިފާއުކުރި އެއް ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޕެނަލްޓީގައި ދަ ގޭންގްގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަބްދުﷲ އާއި އަބްދުލް މުހައިމިންގެ އިތުރުން އަބްދުﷲ ފައުޒާންއެވެ. ޖޭޖޭ ސްޕޯޓްސް ކްލަބަށް ކާމިޔާބުކުރެވުނީ އަބްދުﷲ މިދުހަތް ފަހުމީ ޖެހި ޕެނަލްޓީ އެކަންޏެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ދަ ގޭންގް ގެ ޒާހިދް އިބްރާހިމެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ އެމް.ޕީ.އެލް ގެ ސީ.އީ.އޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެމް.ޑީ އަހުމަދު ޝަފީގެވެ.